އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ 19 ވަނަ އިން ހައުސް ފުޓްސަލް މުބާރާތް މިއަދު ހަވީރު ފެށިއްޖެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީކާސް އާއި ޓީމް އިން-ފްލައިޓް އެވެ. މި މެޗުގެ ފުރަތަމަ ގޯލު 7 ވަނަ މިނެޓުގައި އިން ފްލައިޓް އިން ޖަހައިފައި ވަނިކޮށް، އޭގެ 6 މިނެޓު ފަހުން ޓީކާސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށް، ފުރަތަމަ ހާފް ނިމުމުގެ ކުރިން 2-1 ގެ ލީޑެއް ނަގައިފައެވެ. ނަމަވެސް، ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އިން ފްލައިޓް އިން ވަނީ ގޯލެއް ޖަހައި 2-2ށް ނަތީޖާ ބަދަލުކޮށްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު 2-2ން އެއްވަރު ވެގެން ނިމިފައި ވާއިރު، މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންވެގެން އޮންނަ ދަނޑުގައެވެ.

ޖުމްލަ 17 ފިރިހެން ޓީމަކާއި 5 އަންހެން ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރި ވެފައި ވާއިރު، ފިރިހެން ބައިގެ ކުޅުން ކުރިއަށް ދާނީ 4 ގްރޫޕެއްގެ މެދުގައި ބަހައިލެވިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ އެއް ނެރޭ ދެ ޓީމު ކުއާޓާ ފައިނަލަށް ދާ ގޮތަށެވެ. އަންހެން ބައިގެ ކުޅުން މި މަހުގެ 15ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، އެބައިގެ ކުޅުން ކުރިއަށް ދާނީ ލީގު އުސޫލުންނެވެ.

އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމެންޓު ތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތް މިއަދު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓާ މުހައްމަދު ރިޒްވީ އެވެ. މި މުބާރާތުގެ މަގްސަދަކީ ސްޓާފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރުމެވެ.