2009ވަނަ އަހަރު އެމެރިކާގެ ލަސް ވޭގަސްގައި ރޮނާލްޑޯ އަންހެނަކު ރޭޕް ކުރި ކަމުގެ އަޑުތައް މީގެ ކުރިން އަރާފައި ވާއިރު، އެ ދައުވާ ރޮނާލްޑޯގެ މައްޗައް ނުކުރަން ޕްރޮސެކިއުޓަރުން ނިންމައިފިއެވެ.

ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި ކެތްރީން މަޔޯގާ ނަމަކަށް ކިޔާ މީހަކު 2009ވަނަ އަހަރު ރޭޕް ކުރި ނަމަވެސް، ކެތްރީންގެ އެ ވާހަކަ އާއްމު ވެފައި ވަނީ މިދިޔަ އަހަރު ތެރޭގައި ކަމުގައި ވާއިރު، ކެތްރީން ބުނީ އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދެއްކުމަށް ރޮނާލްޑޯ އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ.

އެ ހާދިޘާ ހިނގުމަށް ފަހު ކެތްރީން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، ހޮސްޕިޓަލުގައި ޓެސްޓު ތަކެއްވެސް ހަދައިފައެވެ. ނަމަވެސް، އޭނާ ރޭޕް ކުރީ ކާކުތޯ 2009 ވަނަ އަހަރު ފުލުހުން ކެތްރީން އާއި ސުވާލު ކުރުމުން އޭނާ ވަނީ އެކަން ކުރި މީހާގެ ނަން ބުނަން ދެކޮޅު ހަދައިފައެވެ. އެހެން ކަމުން އެ މައްސަލައިގެ ތަހުގީގު މެދުކެނޑިފައި އޮތުމަށް ފަހު މިދިޔަ އަހަރު އަލުން ވަނީ ތަހުގީގު ފަށައިފައެވެ.

ވޭގަސްގެ ޕްރޮސެކިއުޓަރުން މި މައްސަލާގައި ރޮނާލްޑޯގެ މައްޗައް ދައުވާ ނުކުރަން މިހާރު ނިންމާފައި މިވަނީ ރޮނާލްޑޯ އެކަން ކުރި ކަމުގެ ހެކިތައް ނެތުމުން ކަމަށް އެފަރާތުން މައުލޫމަތު ދެއެވެ. މި މައްސަލަ ހިނގި ފަހުން 10 އަހަރު ވެފައި ވާއިރުގައި ރޮނާލްޑޯ ބުނެފައި ވަނީ އޭނާ ރޭޕް ނުކުރާ ކަމަށެވެ.