މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސްގެ 200 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

200 މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ ހީޓުގެ ތިންވަނަ ހޯދައިގެންނެވެ.

ފައިނަލް ބުރަށް ދަތުރު ކުރަނީ ކޮންމެ ހީޓެއްގެ އެންމެ ބާރު ދެ ދުވުންތެރިންނާއި ހުރިހާ ހީޓެއްގެ ތެރެއިން ތިންވަނައަށްދާ އެންމެ ޓައިމިން ރަނގަޅު ދެ އެތުލީޓުންނެވެ.

ސާއިދު ރޭސް ނިންމީ 22.28 ސިކުންތުންނެވެ. އޭނާއާއި ޖެހިގެން މި ހީޓުގެ ދެވަނަ ހޯދީ ސީޝެލްސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 22.20 ސިކުންތުންނެވެ. މި ރޭހުގެ އެއްވަނަ ހޯދީ މޮރިޝަސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 22.01 ސިކުންތުންނެވެ.

200 މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ޖާގަ ހޯދިއިރު، 2015 ވަނަ އަހަރު ބޭއްވި ގޭމްސްގެ މި އިވެންޓުން ސާއިދު ވަނީ ރިހި މެޑަލް ހޯދާފަ އެވެ. މިއަހަރުގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ސާއިދު ވާދަކުރި ނަމަވެސް، އޭނާއަށް ލިބިފައިވަނީ ހަތަރުވަނަ އެވެ. އެކަމަކު ހަމަ މި އިވެންޓުން 2015 ވަނަ އަހަރު ސާއިދު ވަނީ ރަން މެޑަލް ހޯދާފައެވެ.