މުސްލިމް ވުމުން ކުރިއަށް ވުރެން ރަނގަޅި މީހަކަށް ވެއްޖެ ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާރ ޕައުލް ޕޮގްބާ ބުނެފިއެވެ.

ޕޮގްބާގެ ބައްޕަ އަކީ މުސްލިމެއް ނޫން ނަމަވެސް އޭނާގެ މަންމަ އަކީ މުސްލިމެކެވެ. ނަމަވެސް، ޕޮގްބާ ކުޑަ އިރުން ފެށިގެން ދީނުގެ ކަންކަން ކޮށްފައެއް ނުވެއެވެ. އޭނާ މުސްލިމު ވެފައި ވަނީ އެކުގައި އުޅުނު ރައްޓެހިންގެ ރަނގަޅު ކަމުންނެވެ.

"އަހަރެންގެ ގިނަ ރައްޓެހިންނަކީ މުސްލިމުން. ދެން އަހަރެން އެކި ކަންކަމާ ސުވާލު ކޮށް ވިސްނަން ފެށީ. އަމިއްލަ ރިސާޗް ތަކެއް ހެދުމަށް ފަހު އަހަންނަށް ޔަގީން ވީ ނަމާދު ކުރުމުން ހިތްހަމަ ޖެހުން ލިބި އުފާވާ ކަން. އެކަން އެނގުނު ހިސާބުން މުސްލިމްވެ ބަރާބަރަށް ނަމާދު ކުރަމުން މި އަންނަނީ" އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ޕޮގްބާ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ހުޅަނގުގެ ގިނަ މީހުންނަށް އިސްލާމް ދިނާއި މެދު އިންނަނީ ގޯސް ނަޒަރެއް ކަމަށާއި މި ދީނަކީ އެންމެ ފުރިހަމަ ދީން ކަމަށެވެ. އަދި މި ދުނިޔޭގެ ހަޔާތަކީ އިމްތިހާނެއް ކަމަށާއި އިސްލާމް ދީން އަހަރެމެން ތައްޔާރު ކޮށްދެނީ އާހިރަތަށް ކަމަށްވެސް ޕޮގްބާ ވަނީ ބުނެފައެވެ.

އުމުރާގެ އަޅުކަން ވެސް ދާދި ފަހުން އަދާ ކޮށްފަިއވާ ޕޮގްބާ އަކީ ދުނިޔޭގެ އެތައް ބަޔަކު ނަމޫނާ އަކަށް ބަލަމުން އަންނަ މީހެއްކަން ފާހަގަކޮށްލެވެއެވެ.