ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި އެކު ޕާޓީކޮށް ޗުއްޓީ ހޭދަކުރުމަށްފަހު ލުއިސް ސުއަރޭޒް އެނބުރި ޕްރެކްޓިސްތަކަށް ނިކުމެއްޖެއެވެ.

ހަފްތާ ބަންދުގައި ލިބުނު ޗުއްޓީގައި ސުއަރޭޒް އާއި އޭނާގެ އަންހެނުން ވަނީ މެސީ އަށް ޒިޔާރަތް ކޮށްފައެވެ. އިބިޒާގައި އޮތް ލަގްޒަރީ ޔޮޓެއްގައި އެމީހުން ޕާޓީ ކޮށްފައި ވާއިރު، މިކަމުގައި ބާސާގެ ކުރީގެ ކުޅުންތެރިޔާ ފެބްރިގާސް އާއި އޭނާގެ އަންހެނުންވެސް ބައިވެރި ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތައް ފަހު މެސީ އަށް ދިގު ޗުއްޓީ އެއް ދީފައި ވާއިރު، އޭނާގެ ޗުއްޓީ ވެސް ވަނީ ނިމުމަކާއި ގާތް ވެފައެވެ. ބާސާ އިން އެ ކްލަބުގެ ޕްރީ ސީޒަން ފެށުމަށް ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އެ ކްލަބުގެ ޒުވާން ކުޅުންތެރިން އަދިވެސް އަންނަނީ ފިޓްނެސް ރަނގަޅު ކުރުމުގެ ގޮތުން ތަމްރީން ތައް ހަދަމުންނެވެ.

އެ ކްލަބާއި ދާދި ފަހުން ގުޅުނު އެންޓޮއިން ގްރީޒްމަން ވެސް ތަމްރީން ތަކުގައި ބައިވެރި ވެފައި ވާއިރު، އޭނާ މީގެ ކުރިން ބުނެފައި ވަނީ މެސީ އާއި އެކު ތަމްރީން ތައް ހަދައި، މެޗުތައް ކުޅުމަށް ކެތް މަދު ވެފައި ހުރި ކަމަށެވެ.

މީގެ ކުރިން ބާސާ އިން ބޭއްވި ޕްރީ ސީޒަން ޓުއާގައި ޖަޕާނުގެ ކްލަބަކާއި ވާދަކޮށް 2-0ން މޮޅުވި ނަމަވެސް، ޗެލްސީ އާއި ވާދަކޮށް 2-1ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ. އެ ކްލަބުން ކުރިއަށް އޮތް ޓުއާގައި އާސެނަލް އާއި ނަޕޯލީ އާއި ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.