މިދިޔަ އަހަރުގެ ސީޒަންގައިވެސް ވިކްޓަރީ ސްޕޯޓްސް ކްލަބު ފެނުނީ ދަރަނިން އަރައި ނުގަނެވިގެން އުޅުނު މަންޒަރެވެ. ރާއްޖޭގެ އެންމެ ތާރީހު ބޮޑު އެއް ކްލަބު، ފައިސާގެ އަނދަވަޅަކަށް ވެއްޓި، ކްލަބުގެ ކަންކަން ބޮއްސުންލައިގެން ދިޔައިރު، އޭރުގެ ވެރިން ކަމަށްވާ، ޗެއާމަން، ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ކުރީގެ ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް ކުލަބުން އިސްތިއުފާ ދިނެވެ.

އެ ދެބޭފުޅުން އިސްތިއުފާދިންއިރު، ކްލަބު އޮތީ ބައެއް ކުޅުންތެރިންނަށްވެސް ބޮޑުތަނުން ދަރައެވެ. އެހެން ނަމަވެސް، މިއަހަރުގެ ސީޒަނަށް ކްލަބާ އަލުން ހަވާލުވީ ރާއްޖޭގެ ކުޅިވަރަށް އާ ނަންތަކެއް ނޫނެވެ. ޗެއާމަން ކަމަށް ޑރ. އިބްރާހިމް ނާޝިދު (ނާޝް)، އަދި ވައިސް ޗެއާމަން ކަމަށް ކްލަބު ލެޖެންޑް މައުރޫފް އަހްމަދު (މާއްޓޭ) ފަދަ ބޭފުޅުން ބޯޑަށް އައިސް ކްލަބު ނެގުމަށް މިސްރާބު ޖެހިއެވެ. އެހެން ނަމަވެސް ދަރަނިތައް އަދާކޮށް، ކްލަބު ނަގާ ކޮޅަށް ނުޖެހުނެވެ. ބޯޑުގެ ފެނުން ތަންކޮޅެއް މަދުވެފައިވާއިރު، މާއްޓޭއަކީ މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީއެވެ.

"ހީކުރިގޮތާ ވަރަށް ތަފާތުކޮށް ދިޔައީ، ތެދަށް ބުނަންޏާ ކްލަބުގެ މެނޭޖުމަންޓުން ކޮށްދޭން ބުނި އެއްވެސް ކަމެއް އެމީހުންނަށް ފައިސާގެ ދަތިކަމާހުރެ ނުކޮށްދެވުނު. އެ ސަބަބާއެކު ވަރަށް ބޮޑެތި ގެއްލުންތަކެއްވި. ފުރަތަމަ ސީޒަން ފެށިއިރު، ޓީމުގައި ރަޖިސްޓްރީ ކޮށްފައިތިބީ 31 ކުޅުންތެރިން. އޭގެ ތެރެއިން ފުރަތަމަ ކުޑަ އީދަށް ދިން ހަތަރު ދުވަސް ތެރޭގައި ފަސް ކުޅުންތެރިން ގެއްލުނު. އެ ކުޅުންތެރިން ރަށަށް ދިޔަގޮތަކަށް ނާދޭ. ދެން އެތިބަ ކުޅުންތެރިންނާއެކު ކުޅެމުންދަނިކޮށް، އަންޑާ 19 ފަރިތަކުރުންތައް ފެށީ. ފަށައިގެން، އެއަށް ނަގައިފި ހަތަރު ކުޅުންތެރިން. އޭގެ ތެރެއިން ދެ ކުޅުންތެރިންތެރިޔަކު އަމިއްލައަށް ރިއުކިސްޓް ކޮށްގެން ކްލަބު ޕްރެކްޓިސް ހުއްޓާލީ، އަނެއް ކުޅުންތެރިން ނާދޭ ފަރިތަކުރުމަކަށް. އޭގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއެއް މިހާރު ވީތަނެއްވެސް ނޭނގެ،" މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވި ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް ބުންޏެވެ.

މިއަދު މާޒިޔާއާ ދެކޮޅަށް އެޓީމުން ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މުހައްމަދު އާދަމް ބުނީ ކްލަބުވެ މެނޭޖުމަންޓުން އެއްވެސް ކަމަކާ އަޅާނުލުމަކީ އިންތިހާއަށް ދެރަވާން ޖެހޭ ކަމެއް ކަމަށެވެ.

"މިހާރު ސްކޮޑު 18 ކުޅުންތެރިންނަށް މަދުވީ. މަދުވިތަކުން އެއް ކުޅުންތެރިޔަކު އޭނާގެ ވަޒީފާ ގެއްލިގެން ކްލަބުން ދޭ މުސާރައިގައި މާލޭ ނޫޅެވިގެން ފެމެލީއާއެކު ބަދަލުވެއްޖެ ރަށަށް. އޭގެފަހުން އަނެއްކާވެސް ދެން ހުރި ކުޅުންތެރިޔާއަށް ވަޒީފާއެއް ލިބިގެން އޭނާ ޓްރެއިނިންއަށް ދާން ޖެހިއްޖެ. މިހާރު ކީޕަރުން ލައިގެން ސްކޮޑުގައި ތިބީ 16 ކުޅުންތެރިން. ތިބިއިރު، އޭގެ ތެރެއިން ތިން ކުޅުންތެރިން އަނިޔާގައި. މިހާރު ތިބި ކުޅުންތެރިންނާއެކު ދެން ތަމްރީނު މެޗުތަކެއް ކުޅެ، ނަތީޖާވެސް ރަނގަޅު. ކުރިއަށްވުރެ 80 ޕަސެންޓް އިމްޕްރޫވް ވެއްޖެ. އަންނަ ކުޅުންތެރިން އާދޭ، ދެން އަނިޔާގައި ތިބި ދެ ކުޅުންތެރިންވެސް އާދޭ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ފިޓްވީމަ ކިރިޔާވެސް މެޗު ކުޅެވޭ ވަރުވެސް ވާނީ. އެންމެ ބޮޑު ހިތާމައަކީ މިފަދަ ހާލަތެއްގައި މިވަރު ކްލަބެއްގެ މެނޭޖުމަންޓުން އަސްލު އަޅާލަން ޖެހޭ ވަރަށް އަޅާނުލާތީ. ވަރަށް ދެރަވާން ޖެހޭ ކަމެއް،" މުހައްމަދު އާދަމް ހާމަކުރިއެވެ.

މުހައްމަދު އާދަމް ބުނެފައި ވަނީ މެނޭޖުމަންޓާ ދިމާ ނުވާ ކަމަށާއި، މެސެޖު ކުރުމުން މެސެޖު ބެލުމަށްފަހު މާ ބޮޑު ޖަވާބެއް ނުލިބޭ ކަމަށެވެ. މުހައްމަދު އާދަމްއަށް އޮތް އަނެއް ބޮލު ރިހުމަކީ ޓީމު ހަމަނުވުމުގެ އިތުރުން ބޭރު ކުޅުންތެރިން މައްސަލައެވެ. ކުޅުންތެރިން ގެންނަން އެއްބަސްވެފައި އޮވެ، ކުޅުންތެރިން ގެނައުން ލަސްކުރާތީ އެޖެންޓުން ޝަކުވާކުރާިއިރު، މުހައްމަދު އާދަމް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ރިކުއިސްޓް ކުރަމުންނެވެ.

"ވަރަށް ބޮޑަށް ރިކުއިސްޓް ކުރަމުން މިއަންނަނީ ބޭރު ކުޅުންތެރިންގެ ތިން ކުޅުންތެރިން ޖަހާފައި ތިބިއިރު، އޭގެ ތެރެއިން ދެ ކުޅުންތެރިޔަކު ގެންނަން. އެއީ ޓީމު ހަމަކޮށްލުމުގެ ގޮތުން. އެހުރިހާ ވާހަކައެއްވެސް ކިޔާދެމުން މިދަނީ. މިދިޔަ ބުރާސްފަތި ދުވަހު ޓިކެޓް ފޮނުވާނެ ކަމަށް ބުނެފައި އޮތީ. އޭގެ ޖަވާބެއް ނުލިބޭ، ވީ ގޮތެއްވެސް ނޭނގޭ،" އޭނާ ބުންޏެވެ..

މިރޭ މާޒިޔާއާ ދެކޮޅަށް ވިކްޓަރީގެ މެޗު އޮންނައިރު، މާޒިޔާއަކީ ސްކޮޑަށް ބަލާއިރު، ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކަރީ

    ކެނެރީ ބޭ އަތުގަ 5 މިލިއަން. އެހެންވީމަ ގޭގެ ކުލަބުގަނޑެއްވީމަ މިވަރު އެތިކޮޅެއް ދިނިއްޔާ ކީއް ކުލަބު އިފުލާސް ވެ އުވާނުލާން. ކޮބާތަ އަބުޖީ. މިވަރުކޮށް ނުލެވޭ މީހުން ތަންތާ މަކުނުން އަރާހެން ގޮނޑިގޮނޑީގައި އަރާ މިތިބެނީ. އާދަމްބޭ ހިލޭ ތިކަން ކޮށްލާ. ދެން އެހެން ނޫނީ އުވާލާނެއްނުން ނުވީމަ އޮޓޮމެޓިކުން. އަޅާނުލާ. ފައިސާކޮޅު ކެނެރީމެންވެސް ބަލަނީ ޖީބަށް ކަހާލެވޭތޯ.

    • އަހުމަދު

      އަބުޖީ ޕަބުޖީ ކުޅެނީ.........