އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް އަކީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްގެ ވަރަށް ގާތް ރަހުމްތެރިއެކެވެ. އެހެންކަމުން ސެރީނާގެ މެޗްތަކަށް މޭގަން ހާއްސަ ސަމާލުކަމެއް ދެއެވެ. ނަމަވެސް މިހާރު މިއޮތީ ސެރީނާއަށް ސަޕޯޓް ކުރާ ފަރާތްތަކުގެ ފާޑުކިޔުން މޭގަން އަށް އަމާޒުވެފައެވެ.

ގްރޭންޑް ސްލޭމްގެ 24 ވަނަ ތަށި ހޯދަން ސެރީނާ ނިކުމެ، ޔޫއެސް އޯޕެންގައި ބަލިވުމުން އޭނާގެ ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި ސެރީނާގެ ބަދުނަސީބަކީ މޭގަން އެވެ. ފާއިތުވި ތިން ގްރޭންޑް ސްލޭމް ފައިނަލް އިން ސެރީނާ ބަލިވީ ވެސް މޭގަން މެޗް ބަލަން އިންދައެވެ.

އެހެންކަމުން ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި މޭގަން ބަލަން އަންނަ ސެރީނާގެ މެޗްތަކުން ސެރީނާ ބަލިވަނީ ކަމަށެވެ.

ޓްވިޓާގައި ސެރީނާގެ ސަޕޯޓަރަކު ބުނެފައި ވަނީ "މޭގަން ސެރީނާގެ ފައިނަލް މެޗްތައް ބަލަން ދިއުން ހުއްޓާލާ. މިއީ ސަޕޯޓަރެއްގެ ހައިސިއްޔަތުން ބުނާ ވާހަކައެއް." ކަމަށެވެ.

އިތުރު މީހަކު ބުނީ މޭގަން ދެކެ ވަރަށް ލޯބިވާ ކަމަށާއި ނަމަވެސް މޭގަން އަކީ ސެރީނާގެ ބަދުނަސީބު ކަމަށް ނިންމަން މިހާރު ޖެހިފައިވާ ކަމަށެވެ.

މިފަދަ ގޮތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފައެވެ.

އެންމެ ފަހުން ކުޅުނު ތިން ފައިނަލްގައި ސެރީނާ ބަލިވީ މޭގަން މެޗް ބަލަން އިންދާ ކަމަށް ވީނަމަވެސް ހުރިހާ ފަހަރަކު ކަންތައް ވެފައި ވަނީ އެގޮތަކަށް ނޫނެވެ. 2016 ވަނަ އަހަރު މޭގަން ބަލަން އިން ފައިނަލެއް ސެރީނާ ވަނީ ކާމިޔާބުކޮށްފައެވެ.

މޭގަން، ޔޫއެސް އޯޕެންގެ ފައިނަލް ބަލަން އެންމެ ފަހު ވަގުތު ދިޔައީ ވެސް ވަރަށް ދިގު ދަތުރެއް ކޮށްފައި ކުއްލި ގޮތަކަށެވެ. އެހެންކަމުން ސެރީނާގެ މެޗްތަކަށް މޭގަން ދޭ އިސްކަން ހާމަވާކަމަށް ބުނެ މޭގަން އަށް ޝުކުރު އަދާކުރާ ސަޕޯޓަރުން ވެސް އެބަތިއްބެވެ.