ޔުއެފާ ޔޫރޯ ކޮލިފައިންގް މެޗެއްގައި ތިން އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފާއެކު ބެލްޖިއަމް ޓީމުގެ ޑެބްރައިން ވިދާލި މެޗުގައި ބޮޑު ތަފާތަކުން އެގައުމުން ސްކޮޓްލޭންޑް ބަލިކޮށްފި އެވެ.

ކެވިން ޑެބްރައިން އަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ވިސްނުންތޫނު އަދި ގޭމް ރީޑް ކުރުމުގައި އެފަދަ ދެވަނައެއް ނެތް ޑެބްރައިން އަންނަނީ އަނިޔާއިން އެނބުރި އައުމަށްފަހު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ސީޒަންގައި މިހާތަނަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކުޅުނު ކޮންމެ މެޗެއްގައި އޭނާ އެސިސްޓެއް ނޫނީ ލަނޑެއް ޖަހާފައިވާއިރު ޔޫރޯ ކޮލިފައިންގައި ރޭ ސްކޮޓްލޭންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗުގައި އޭނާ ވަނީ އެސިސްޓުގެ ހެޓްރިކެއްގެ އިތުރުން ލަނޑެއްވެސް ޖަހާފަ އެވެ.

މިވަގުތު ޔޫރަޕްގެ އެންމެ ''ފޯމް'' ރަނގަޅު ކުޅުންތެރިއާ ޑެބްރައިން މެޗުގައި ހެދި ފުރަތަމަ އެސިސްޓް ފެނިގެންދިޔައީ ނުވަވަނަ މިނެޓުގަ އެވެ. އިންޓަގެ ފޯވަޑް އަދި ބެލްޖިއަމް ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ލުކާކު ވަނީ ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފައި އޭނާގެ ގައުމީ ލަނޑުގެ ރެކޯޑު 49 އަށް އަރުވާފަ އެވެ.

މެޗުގައި ފެނިގެންދިޔަ ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ޑެބްރައިން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ތޯމަސް ވަމާލިން އެވެ. އެ ލަނޑަކީ ޑިފެންޑަރު ގައުމީ ޓީމަށް ޖަހައިިން ދެވަނަ ލަނޑެވެ. އޭގެ އިރުކޮޅެއް ފަހުން ޓީމުގެ އަނެއް ޑިފެންޑަރު ޓޯބީ އަލްޑަވިއެރެލްޑް ވަނީ ޑެބްރައިން ނަގައިދިން ކޯނަރެއްގެ ބޭނުން ހިފައި ބެލްޖިއަމް އަށް މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެބްރައިން އެވެ. 28 އަހަރުގެ ކުޅުންތެރިއާގެ ކެރިއަރުގައި ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު ހަތަރު މެޗުގައި އޭނާ ވަނީ ދެ ލަނޑާއި ފަސް އެސިސްޓު ކޮށްދީފަ އެވެ.

ފުރިހަމަ މޮޅަކަށްފަހު ބެލްޖިއަމް އިން އިންޓަނޭޝަނަލް ބްރޭކް ނިންމާލީ ގްރޫޕްގެ އެއްވަނައިގައި އޮވެ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް ސައްތައިގެ ރެކޯޑަކާއެކު ޖުމްލަ 18 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އެޓީމު އޮތްއިރު ދެވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެން ރަޝިއާ އެވެ.