މިރޭ ޗައިނާ އާއި ދެކޮޅަށް ޤައުމީ ޓީމް ކުޅެން ހަމަ ޖެހިފައިވާ މެޗުގައި ގައުމީޓީމު ލުމަށް ހަމަ ޖެހިފައިވާ ޖާޒީތައް ޑިޒައިން ކުރި މީހާއަށް ރަސްމީކޮށް ޝުކުރު އެންގުމަކާއި ނުލާ މިރޭ އެފްއޭއެމްގައި ޖާޒީތައް އިފްތިތާހްކުރުމަށް ތާވަލްކޮށްފިއެވެ.

ރަސްމީކޮށް ޑިޒައިނަރަށް ޝުކުރު އަދާ ނުކުރާއިރު ޖާޒީތައް އިފްތިތާހްކުރުމުގެ ރަސްމިއްޔާތަކަށްވެސް ދައުވަތު ދީފައި ނުވާކަމަށް ޑިޒައިނަރު ޝާޒިފް އާދަމް ބުނެފައި ވެއެވެ.

ޝާޒިފް މިހެން ބުނެފައިވަނީ، މިރޭ އެ ޖާޒީ އިފްތިތާހްކުރާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރި ޓްވީޓެއް ރީޓްވީޓް ކުރަމުންނެވެ.

ޝާޒިފް އާދަމް ކުރި ޓްވީޓްގައި ބުނެފައިވަނީ ޖާޒީތައް އިފްތިތާހް ކުރުމުގެ ޖަލްސާއަށް އިންތިޒާރު ކުރަމުން އައިކަމަށާއި އެހެން ނަމަވެސް ޖާޒީތައް އިފްތިތާހް ކުރާނޭ ވަކި ދުވަހެއް ނޭނގޭ ކަމަށެވެ. ޖާޒީތަކުގެ ޑިޒައިނާމެދު އެއްވެސް ހިޔާލެއް ފާޅު ކޮށްފައި ނުވާއިރު އެއްވެސް ބަދަލެއް ގެނައުމަށްވެސް ނުބުނާކަމަށް ޑިޒައިނަރު ބުނެފައިވެއެވެ. މިރޭ ޖާޒީތައް ރަސްމީކޮށް އިފްތިތާހް ކުރުމެ ޖަލްސާ އޮތްއިރު އެތަނަށް ދިއުމަށް ދައުވަތުވެސް ނުލިބޭކަމީ ހިތަމަޔާއެކު ފާހަގަ ކުރާ ކަމެއްގެ ގޮތުގައިވެސް ޑިޒައިނަރު ބުނެފައިވެއެވެ.

ޑިޒައިނަރުގެ ޝުއޫރުތަކާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން އެފްއޭމްއަށް އަމާޒުވެފައި ވާއިރު އެންމެންވެސް ބުނަމުން ދިޔައީ ޑިޒައިނަރު ކުރި މަސައްކަތުގެ އަގު ވަޒަން ނުކުރުމަކީ ވަރަށް ދެރަކަމެއްގެ ކަމަށެވެ.

އެ ޒުވާނާ ތައްޔަރުކުރި މި ޖާޒީ މިރޭ އިފްތިތާހުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.