އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއުކާސަލް ޔުނައިޓެޑު ބަލިކޮށް ލިވަޕޫލް އިން އެޓީމު ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ދަމައްހައްޓައި ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުކާސަލް އެވެ. ޖެޓްރޯ ވިލިއަމްސްގެ ހިތްގައިމު ލަނޑުން ނިއުކާސަލް ސަޕޯޓަރުންނަށް ވަގުތުކޮޅަކަށް އުފާވެރިކަމެއް ލިބިގެންދިޔަ ނަމަވެސް ސާދިއޯ މާނޭ ވަނީ 25 ވަނަ މިނެޓުގައި އެންޑްރޫ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފުރަތަމަ ހާފު 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެން ނިމެމުން ދަނިކޮށް މާނޭ ވަނީ ނިއުކާސަލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. އެ ލަނޑާއެކު ސީޒަންގައި މާނޭ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ.

ފުރަތަމަ ހާފުގައި މާޓިން ޑުބްރަވްކާގެ ފަރާތުން ގޯހެއް ފެނުނު ނަމަވެސް މެޗުގައި ނިއުކާސަލަ ކީޕަރު ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. އެގޮތުން ދެވަނަ ހާފުގައި ފުލްބެކް އެލެގްޒާންޑާ އާރްނޯލްޑްގެ އިތުރުން ރޮބާޓޯ ފާމީނޯ ފުލުފުލުގައި ފޮނުވާލި ބޯޅަތައް ހުޝިޔާރުކަމާއެކު ޑުބްރަވްކާ ވަނީ ހުއްޓުވާފަ އެވެ.

ނިއުކާސަލް ކީޕަރުގެ މޮޅެތި ސޭވްސް ތަކުން އެޓީމުން 2-1ގެ ނަތީޖާގައި ފަރުޖައްސަމުން ދަނިކޮށް ފޯވަޑް މުހައްމަދު ސަލާޙު ވަނީ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. ސަލާހުގެ ލަނޑަކީ އެންފީލްޑުގައި އޭނާ ކުޅުނު 41 ލީގު މެޗުގައި އޭނާ ކާމިޔާބުކޮށްދިން 36 ވަނަ ލަނޑެެވެ.

ނިއުކާސަލް އަތުން ޕޮއިންޓެއް ހޯދައި ލިވަޕޫލުން ވަނީ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ލީގުގައި އެންމެ ފަހުން އެޓީމު ކުޅުނު 14 މެޗު ވެސް ކާމިޔާބުކޮށްފައިވާ ލިވަޕޫލްގެ ފަހަތުން ލީގު ތާވަލުގެ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ދިހަ ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ.