މ އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ރަތްމަންދޫ ވޮލީ ޓީމުން ހޯދައިފި އެވެ.

މުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 1 އިން 16 އަށް ކުރިއަށްގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭގަ އެވެ. މުލަކުގައި ކުޅުނު ފައިނަލް މެޗު މުލީ ވޮލީ ޓީމާއި ވާދަކޮށް ރަތްމަންދޫ ވޮލީ ޓީމުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗުގެ ސެޓުތައް ރަތްމަންދޫ އިން ގެންދިޔައީ 25-22، 25-16 އަދި 25-20 އިންނެވެ.

ރަތްމަންދޫ ވޮލީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ކަން ފާހަގަކޮށްލެވެ އެވެ.

އަންހެން އަދި ފިރިހެން ދެބައި ހިމެނޭ ގޮތަށް ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ބައިގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާއި ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދައި ރަތްމަންދޫ ފިރިހެން ބައިގެ ފައިނަލަށް ދަތުރުކުރިއިރު މުލީ ޓީމުން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ ފުރަތަމަ ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކުރި ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.

ރަތްމަންދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ރަށަކީ އެ އަތޮޅުގެ ރަށްތަކާއި އަޅާބަލާއިރު އެންމެ އާބާދީ ކުޑަ ރަށެވެ. އެހެންކަމުން މިއަހަރުގެ އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ލިބުމަކީ އެރަށުގެ ވޮލީ ބޯޅައަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ރަތްމަންދޫ ވޮލީ ޓީމުގެ ޝާއިން މުހައްމަދު ހޯދި އިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރަތްމަންދޫ ވޮލީ ޓީމަށް އިރުޝާދު ދިން ކޯޗު އަހުމަދު ސުނާން އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޝާއިން މުހައްމަދުގެ އިތުރުން ރަތްމަންދޫ ވޮލީ ޓީމުގެ ބަދީއު އަހުމަދު އާއި މުލީ ޓީމުގެ އިސްމާއިލް ނިޒާމް އާއި ޝަމްވީލްގެ އިތުރުން މުލަކު ޓީމުގެ އިބްރާހިމް އަރީފްގެ އާއި މުހައްމަދު އަބްދުލް ސަމަދު އެވެ.

މ.އަތޮޅު ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުލަކު ވިމެންސް ވޮލީ ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތަން

    މަރުޙަބާ!

  2. މަލަސް

    ރަތްމަންދޫ އަކީ ފިސާރި ރަށެއް. ވަރުގަދަ ޕްލޭނެއްގެ ދަށުން ނޫނީ ހަމަ އެއްކަމެއްވެސް ނުކުރާނެ. ކުރާކަމެއް ކުރާނީ ފިސާރި ރަނގަޅަށް. އެކުވެރި އަޚްވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެއް.

    7
    2