ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑް ވިކްޓްރީ އާއި ވާދަކޮށް އެއްވަރުވި މެޗަކީ އީގަލްސް ކުޅުންތެރިން އަމިއްލަ އަށް ގެއްލުވާލި މެޗެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ފަހު ދިވެހި ލީގުގެ ކުޅުނު މިއަދު ފެށިއިރު ހަވީރު ކުޅުނު މެޗު ނިމުނީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އީގަލްސް އިން ހާފު ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެ އެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓެމްޕޯ އީގަލްސް އަށް ހިފަހައްޓާނުލެވުމުގެ ނަތީޖާއަކަށްވީ ޔޫވީ އިން ފަހަތުން އަރައި މެޗު އެއްވަރުކުރުމެވެ.

މެޗައްފަހު ވާހަކަ ދައްކަމުން މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މިއަދު އީގަލްސް އަށް ގެއްލިގެންދިޔައީ ލިބިފައި އޮތް ތިން ޕޮއިންޓް ކަމަށާއި ދެވަނަ ހާފުގައި އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް އާދައިގެ ގޯސްތަކެއް ތަކުރާރުކޮށް ފެނިގެންދިޔަ ކަމަށެވެ.

"އަތުގައި އިން ތިން ޕޮއިންޓް ގެއްލުވާލައިގެން ހަގީގަތުގައި މިއަދު މި ފޭބުނީ. ފުރަތަމަ ހާފުގައި މެޗު ރަނގަޅަށް ޑޮމިނޭޓްކޮށްގެން ކުޅެ ތިން ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް މިހިސާބަށް ދާނީ ވަރަށް ފަރުވާކުޑަކުރެވުނީމަ. ވަރަށް ސިމްޕަލް މިސްޓޭކްސްތަކެއް އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ފެނިފައި މިހިރީ. ފުރަތަމަ ހާފުގައި ދެއްކުނު ޓެމްޕޯގައި ދެވަނަ ހާފު ނުފެއްޓުމުގެ ނަތީޖާ އަސްލު ފެނިގެންމިދިޔައީ، '' މޯހަން ބުންޏެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑު ވިކްޓްރީ ފެނުނީ ވަރަށް އާދަައިގެ ގޮތަކަށެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމުން ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފަ އެވެ. މެޗައްފަހު ވާހަކަދައްކަމުން އެޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފުރަތަމަ ހާފު ނިމުނުއިރު އޮތް ނަތީޖާއަށް ބަލާފައި މެޗުން ޕޮއިންޓެއް ހޯދައިގެން ޔޫވީ ފޭބުމުން ހިތްހަމަޖެހޭ ކަމަށާއި ދެވަނަ ހާފުގައި ޔޫވީ ކުޅުންތެރިން ކުރި ހިތްވަރު ފުރަތަމަ ހާފުގައި ވެސް ކުރިނަމަ މެޗުގެ ނަތީޖާ ތަފާތުވީސް ކަމަށެވެ.

'' ޖުމްލަކޮށް ބުނާނަމަ މެޗުން ލިބުނު ނަތީޖާ ރަނގަޅު. 4-4 އިން އެއްވަރު ކުރެވުނީމަ ގޯހެކޭ ނުބުނެވޭނެ. ފަހު ހާފުގައި ޔޫވީ ކުޅުންތެރިން ލީ އެފޯޓް ފުރަތަމަ ހާފުގައިވެސް ލެވުނު ނަމަ މެޗުން ތަފާތު ނަތީޖާ އެއް ނެރެވުނީސް. ޔޫވީ އަށް ވެސް ގޯލު ޖަހަން ފުރުސަތުތަކެއް ލިބުނު. އީގަލްސް އަށް ވެސް ފުރުސަތުތައް ލިބުނު. އެކަމަކު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގައި ކީޕަރާއެކު ވަން އޮން ވަން ސިޓުއޭޝަނެއްގައި ޔޫވީ އަށް. އެ ފުރުސަތު ގޯލަކަށް ބަދަލުކުރެވުނު ނަމަ ނަތީޖާ ތަފާތު ކުރެވުނީސް، '' މުހައްމަދު ނަޒީހު ބުންޏެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ވަނީ ހަތް މެޗުން 13 ޕޮއިންޓް ހޯދައި ވަގުތޫ ގޮތުން ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އީގަލްސްއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މިރޭ މާޒިޔާއާ އެއްވަރު ކޮށްލައިގެން ވެސް އަލުން ދެ ވަނަ މަގާމް ލިބޭނެ އެވެ. މިއަދުގެ މެޗުން ހޯދި ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. އެޓީމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އަށް ވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާއި ފުލުގައި ނިލަންދޫ ސްޕޯޓްސް ކްލަބަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.