ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ގެ މައްޗަށް ކުރިހޯދައި މާޒިޔާ އިން ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކޮށްފައިވަނީ 3-0 ނަތީޖާއަކުންްވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 69 ވަނަ މިނެޓުގައި ޑިފެންޑަރު އަމްދާން އަލީ އެވެ. މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ދަ ގްރާންޑޭ އާއި މާޒިޔާ ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ދަ ގްރާންޑޭ އާއި މާޒިޔާ ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިރޭގެ މެޗުގައި މާޒިޔާގެ ފަރާތުން ވަރަށް އޯގަނައިޒްޑް ކުޅުމެއް ފެނިގެންދިޔަ އިރު ދަ ގްރާންޑޭ އަށް މާ ނުރައްކާތެރި ހަމަލާތަކެއް މާޒިޔާކޮޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ހާއްސަކޮށް ދެވަނަ ހާފު މުޅިންހެން ޑޮމިނޭޓްކޮށްގެން ކުޅުނީ މާޒިޔާ އެވެ. މާޒިޔާ އަށް މެޗުގައި އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން ފޭދޫ އިއްބެ ފޮނުވާލި ދެ ހަމަލާއެއް ދަ ގްރާންޑޭގެ ކީޕަރު މަތަކުރިއިރު ދެވަނަ ހާފުގައި މާޒިޔާ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި ކެޕްޓަން އައްސަދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލު އަރިމަތިން ބޭރަށެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުން ވިހި ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި ތޭރަ ޕޮއިންޓާއެކު ކްލަބް އީގަލްސް އޮތްއިރު ތިންވަނައިގައި ދަ ގްރާންޑޭ އޮތީ ބާރަ ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން ޓީސީ ސްޕޯޓްސް ކްލަބް އޮތްއިރު ފަސްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް އެވެ.

ދަ ގްރާންޑޭ އާއި މާޒިޔާ ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ދަ ގްރާންޑޭ އާއި މާޒިޔާ ބައްދަލުކުރި މެޗް – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ތާވަލުގެ ހަވަނައިގައި އަށް ޕޮއިންޓާއެކު ފޯކައިދޫ އޮތްއިރު ހަތްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ޔުނައިޓެޑު ވިކްޓްރީ އެވެ. އަދި ތާވަލުގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފޯކައިދޫ އާއި ނިލަންދޫ އާއެވެ. އެ މެޗު މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މާދަމޭ ރޭގެ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ވިކްޓްރީ އާއި ދެކޮޅަށެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގަ އެވެ.