ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މާޒިޔާގެ ފޯވަޑް ލައިން ހިފަހައްޓަން ދަ ގްރާންޑޭގެ ކުޅުންތެރިން ވަރަށް މަސަތްކަތްކުރި ކަމަށް އެޓީމުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފި އެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން އިންމަ ބުނީ މާޒިޔާގެ އެންމެ ކުރީގައި ތިބީ ރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށާއި ދަ ގްރާންޑޭ އިން މާޒިޔާގެ އެޓޭކް ފޯސް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރިކަމަށެވެ. އިންމަ ބުނީ ރޭގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އޭނާގެ ޓީމަށް އެޓޭކިންގް ހާފުގައި ރަނގަޅަށް ބޯޅަ ހިފަހައްޓާނުލެވުން ކަމަށާއި އެޓީމުގެ ބިދޭސީ ކުޅުންތެރިއާގެ ފަރާތުން ރޭގެ މެޗުގައި އުއްމީދުކުރި ވަރުގެ ޕާފޯމެންސެއް ނުފެނުނު ކަމަށެވެ.

'' މާޒިޔާގެ ފޯވަޑް ލައިންގައި އެތިބީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން. އެ ކުޅުންތެރިން ހުއްޓުވަން ދަ ގްރާންޑޭ އިން ކުރެވެން ހުރި މަސަތްކަތެއް ކުރި. ހަގީގަތުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކުރީގައި ބޯޅަ އެއްގޮތަކަށްވެސް ނުހިފެހެއްޓުން. އަހަރެމެން އުއްމީދުކުރި ވަރަކަށް ޓީމުގެ ބިދޭސީ ކުޅުންތެރިއާ އަށް ޕާފޯމްއެއް ނުކުރެވުނު، '' އިންމަ ބުންޏެވެ.

އިންމަ ބުނީ ޖުމްލަ ގޮތެއްގައި ރޭގެ މެޗުގައި ދަ ގްރާންޑޭގެ ކުޅުންތެރިން ވަރަށް މަސަތްކަތްކުރި ކަމަށާއި އެކަމަށް ތައުރީފު ހައްގު ކަމަށެވެ. އަދި މެޗުން ބަލިވިކަމުގައިވިޔަސް އެޓީމުން ހިތްވަރު ދެރަ ނުކުރާނެ ކަމަށާއި އެޓީމު ދާނީ ކުރިއަށް ކަމަށެވެ.

މެޗައްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ދެހާފުގައިވެސް މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ކަމަށާއި ފުރުސަތުތަކުގެ ފައިދާ އެޓީމަށް ނެގުނު ކަމަށެވެ. އަދި ރޭގެ މެޗަކީ ގަދަ ޓީމަކާއި ދެކޮޅަށް ކުޅެ ލިބުނު މުހިއްމު ތިން ޕޮއިންޓް ކަމަށާއި ލީގުގެ ފުރަތަމަ ރައުންޑް ތާވަލުގެ އެއްވަނައިގައި އޮވެ ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު މާޒިޔާ އިން ކާމިޔާބުކުރީ 3-0އިންނެވެ. މެޗުގައި ލަނޑުތައް ޖަހާފައިވަނީ ފޭދޫ އިއްބެ އާއި ހަމްޕުގެ އިތުރުން އަމްދާން އަލީ އެވެ. ރޭގެ މޮޅާއެކު މާޒިޔާ އަށް ވަނީ ވިހި ޕޮއިންޓް ލިބިފަ އެވެ. މާޒިޔާގެ ފަހަތުން ތާވަލުގެ ދެވަނައިގައި ތޭރަ ޕޮއިންޓާއެކު އީގަލްސް އޮތްއިރު ތިންވަނައިގައި އޮތީ ބާރަ ޕޮއިންޓާއެކު ދަ ގްރާންޑޭ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިހި

    ދިވެހީންގެ ލެއޭ ފުޓުބޯޅަ އަކީ އެކަ މަކު ކީގެއް ކުޅޭއިރު ދަނޑަށް މެޗެއް ބަލާލަން ވަންނާނެ ވާލެއްނުވެ. ލެއަށް ވަނީ ގައުމީ ޓީމު މެޗެއް ކުޅޭދުވަހު އެކނިދޯ. ދިވެހީންނަށް އެނގޭނީ ފޮނި އަނގަ ދަޅަން.. އެކމުން ލެ އަށް ވެދާނެ.