ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗަށް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވެ މެޗުގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މާލީ ޙާލަތު ގޯސްވެ، ޓީމުގެ ކޯޗުކަމުގެ

މަޤާމުން މުޙައްމަދު އާދަމް ދާދިފަހުން އިސްތިޢުފާ ދިނުމުން އެ ޓީމާއި ހަވާލުވީ އެސިސްޓެންޓް ކޯޗު ޢަބްދުލްލަތީފް (ލައްޗޭ) އެވެ.މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ލައްޗޭ ބުނީ ޓީމު ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިންގެ ތެރެއިން އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ ހަޔެއްކަ ކުޅުންތެރިން ކަމަށާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޒުވާން ގައުމީ ޓީމާ އެކު ވެސް ވިކްޓްރީގެ ކުޅުންތެރިންތަކެއް ދިޔަ ކަމަށެވެ.

ލައްޗޭ ބުނީ ގައުމީ ޓީމުގައި ހިމެނިފައިވާ ވިކްޓްރީގެ ކުޅުންތެރިން މި ވަގުތު ތިބީ ޓީމާއެކު ރާއްޖެއިން ބޭރުގައި ކަމަށާއި މިރޭގެ މެޗުގައި ކުޅެވޭނީ ކުޅުންތެރިން ހަމަވެގެންކަމުން އެކަން މިހާރު ރާއްޖޭގެ ފުޓްބޯޅަ އިދާރާ އަށްވެސް އަންގާފައި ވާނެކަމަށެވެ.

" ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިން ހަމަވެގެން ލީގުގެ މެޗުތައް ކުޅެވޭނީ. ވިކްޓްރީގެ ސްކޮޑަށް ނަގާފައިތިބި ޒުވާން ކުޅުންތެރިންގެ ވިސްނުމުގައި ނެތް ކުޅޭ ކަހަލަ ހިޔާލެއްވެސް. އެކަމަކު ކްލަބްގެ ޗެއާމަން ކުޅުންތެރިންނާ ޑީލް ކުރަމުން ރަނގަޅު ގޮތްތަކެއް ހޯދޭތޯ އެބަ ބަލާ، " ލައްޗޭ ބުންޏެވެ.

ލައްޗޭ ބުނީ ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަށް ހާޒިރުނުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެކަމަށާއި އެކަމުން ސަލާމަތްވެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވިކްޓްރީން މެޗު ކުޅުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާނެ ކަމަށެވެ.

ވިކްޓްރީގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް މިދިޔަ ހުކުރު ދުވަހު އިސްތިޢުފާ ދިނީ މެނޭޖްމަންޓުން ކޮށްދޭން ވަޢުދުވި ކަންތައްތައް ނުކޮށްދިނުމުން، ގިނަ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވުން ހުއްޓާލުމުންކަމަށް ބުނެއެވެ.

ފުރަތަމަ ޑިވިޝަނުގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ވިކްޓްރީ އަށް މިދިޔަ ސީޒަންގައި ކުޅުނު ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވިއިރު އެ ކްލަބަށް މި ސީޒަނުގައި ކުޅެވޭގޮތްވީ ވެސް އެ ކުޅުންތެރިންނަށް މުސާރަ ހަމަޖައްސައިދޭން އެއްބަސްވުމުންނެވެ.

ދިވެހި ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުންވެސް ބަލިވެފައިވާ ވިކްޓްރީ އާއި ތާވަލުގެ ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސް ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގަ އެވެ.