ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިލަންދޫ ފުޓްބޯޅަ ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ނިލަންދޫ އިން ކާމިޔާބުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިލަންދޫ އިން ކާމިޔާބުކުރީ މެޗު އެއްވަރު ވަމުން ދަނިކޮށް އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ކޮޅުގައި ލަނޑު ޖަހައިގެންނެވެ. މިއަދުގެ މެޗު 3-2 އިން ނިލަންދޫ ކާމިޔާބުކުރިއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. އެގޮތުން ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 28 އަޑޯކު ލޫކަސް އެވެ.

ދިރާގު ދިވެހި ލީގު: ނިލަންދޫ ފުޓްބޯޅަ ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބު ބައްދަކުރި މެޗް - ވަގުތު އިމޭޖްސް:އިބްރާހިމް ޝާބިލް

1-0 ން ނިލަންދޫ ފުރަތަމަ ހާފު ކުރީގައި އޮވެ ނިންމާލަމުން ދަނިކޮށް ފޯކައިދޫ އިން ވަނީ ހާފުގެ ފަހު ވަގުތު ކޮޅުގައި ކައިރި ކައިރީގައި ދެލަނޑު ޖަހައި މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެގޮތުން 44 ވަނަ މިނެޓުގައި ފޯކައިދޫގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު އަމިއްލަ ހާފު ތެރެއިން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ދިހަ ނަންބަރު ނިލަންދޫ އޭރިއާ ތެރެއަށް ކުޅެލި ހިތްގައިިމު ހުރަސްގެ ފައިދާ ނަގައި ޖާޒީ ނަންބަރު 21 ޔޫސުފް ޖުނައިދު ޒާހިރު ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ދިރާގު ދިވެހި ލީގު: ނިލަންދޫ ފުޓްބޯޅަ ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބު ބައްދަކުރި މެޗް - ވަގުތު އިމޭޖްސް:އިބްރާހިމް ޝާބިލް

ޖުނައިދުގެ ލަނޑުން ނިލަންދޫގެ ޑިފެންސަށް އަރައިނުގަނެވިގެން އުޅެނިކޮށް ފޯކައިދޫގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު ހަތެއް މުހައްމަދު ޖައިލަމް އެވެ. އޭނާ ލަނޑު ޖަހާފައިވަނީ ނިލަންދޫގެ ޑީ އޭރިއާ ބޭރު އަރިމަތިން ފޯކައިދޫގެ ހަ ނަންބަރު ކުރިއަށް ފޮނުވާލި ޕާސް ދިފާއުކުރުމަށްޓަކައި ނިލަންދޫ ކީޕަރު ކުރިއަށްއެރި ވަގުތުގެ ފައިދާ ނަގައި އެއް ޝޮޓުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދިރާގު ދިވެހި ލީގު: ނިލަންދޫ ފުޓްބޯޅަ ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބު ބައްދަކުރި މެޗް - ވަގުތު އިމޭޖްސް:އިބްރާހިމް ޝާބިލް

2-1ގެ ނަތީޖާއަކާއެކު ފޯކައިދޫ ކުރީގައި އޮވެ މެޗު ނިމެމުން ދަނިކޮށް 75 ވަނަ މިނެޓުގައި ނިލަންދޫ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ލަނޑު ނިލަންދޫ އަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާ ޖާޒީ ނަންބަރު 16 ޓޮޝީކީ އޮކަމޯޓޯ އެވެ. އޭނާ ލަނޑު ޖެހީ ފޯކައިދޫގެ އޭރިއާ ބޭރުން ނިލަންދޫ ކުޅުންތެރިއަކު ނަގައިދިން ހުރަހެއްގައި އެއް ފަހަރުން ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.

ދިވެހި ލީގު ތާވަލުގެ ފުލުގައި އޮތް ނިލަންދޫ އިން ލީގުގައި ހޯދި ފުރަތަމަ މޮޅު ކަށަވަރުކުރީ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގައި އަކުރަމް އިސްމާއިލްގެ ލަނޑުންނެވެ. އަކުރަމް ލަނޑު ޖެހީ ފަހު ވަގުތު ނިލަންދޫ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި އޮކަމޯޓޯ ދިން ބޯޅައެއްގައި ވަރަށް ހުސްކޮށް ހުރެ ފޯކައިދޫ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިލަންދޫ ވަނީ އެއް ދަރަޖަ ކުރިއަށްޖެހިލައި ތާވަލުގެ އަށްވަނަ އަށް ޖެހިލާފަ އެވެ. މިހާތަަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވާ ނިލަންދޫ އަށް މިއަދު ލިބުނު މޮޅަކީ ލީގުގައި ކުރިއަށްހުރި މެޗުތަކާއި އެޓީމު ކުރިމަތިލާއިރު ލިބޭނެ ބޮޑު ހިތްހަަމަޖެހުމެކެވެ. ދިވެހި ލީގު ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި ވިކްޓްރީ އޮތްއިރު ފޯކައިދޫ އޮތީ ހަތް މެޗު ކުޅެގެން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.