ސްޕެނިޝް ލީގުގައި އެފްސީ ގްރަނާޑާ އިން ވަރުގަދަ ބާސެލޯނާ ބަލިކޮށް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މިރޭ ލަލީގާގައި ބާސެލޯނާ ގްރަނާޑާ އާއި ދެކޮޅަށް ކުޅެ ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން މި ސީޒަންގެ ބޮޑުބައެއްގައި ކުޅުމާއި ދުރުގައި ހުރި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.

ކޯޗު އެރްނެސްޓޯ ވަލްވާޑޭގެ ފަރާތުން ވަރުގަދަ ފުރަތަމަ އެގާރައެއް މިރޭގެ މެޗުގައި ފެނުނު ނަމަވެސް ބާސާ އަކަށް އެޓީމުގެ އަސްލު ފެންވަރެއް މިރޭ ނުދެއްކުނެވެ. ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުދީފައި އެތްލެޓިކޯ އިން ބާސާ އަށް ބަދަލުވި އެންޓޮއިން ގްރީޒްމަން އަށް އަދިވެސް ބާސާގެ ޖާޒީގައި ސަޕޯޓަރުން އުއްމީދުކުރަމުން އަންނަ ވަރުގެ ކުޅުމެއް ނުދެއްކޭއިރު މިރޭގެ ބައްޔާއެކު ވަލްވާޑޭ އަށް ސަޕޯޓަރުންގެ ޕްރެޝަރާއި ވަނީ ކުރިމަތިވެފަ އެވެ.

މިރޭގެ މެޗުގައި ގްރަނާޑާ އިންވަނީ މެޗު ފެށިގެން ދެވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ހޯދާފަ އެވެ. ބާސާގެ ލެފްޓް ބެކް ޖޫނިއާ ފާޕޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ލަނޑު ގްރަނާޑާ އަށް ކާމިޔާބުކޮށްދިނީ އަޒީޒް އެވެ. އަޒީޒްގެ ލަނޑުން ބާސާގެ ސަޕޯޓަރުން ހަމަހިމޭންވެގެންދިޔަ އިރު އޭގެ އިރުކޮޅެއްފަހުން އެޓީމުގެ ޕުއެޓްރާސް އަށްވަނީ ފަރަގު ބޮޑުކުރަން ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ފާޕޯ ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ތިރިތިރިން އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ކީޕަރު ޓާސްޓެޖަން އެވެ.

މެޗުގައި ގްރަނާޑާ އިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ވަޑީލޯ އެވެ. ގްރަނާޑާ އަށް ޕެނަލްޓީ ލިބުނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުންނެވެ.

ގްރަނާޑާ އިން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ބާސާ އިން ބޮޑަށް އެޓޭކިންގް ގޭމަކަށް ގޭމްޕްލޭން ބަދަލުކުރިނަމަވެސް އެޓީމުން ފޮނުވާލި އެއްވެސް ހަމަލާ އަކަށް ގްރަނާޑާގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވި އެވެ. މެޗުގެ ފަހު ދިހަ މިނެޓު ތެރޭގައި މެސީ ފޮނުވާލި ދެ ހަމަލާވެސް ގްރަނާޑާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މިރޭ ވަރުގަދަ ބާސެލޯނާ އަތުން ލިބުނު ތިން ޕޮއިންޓާއެކު ގްރާނާޑާ އަށް ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނަ މަގާމު ލިބެނީ ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު އެވެ. މިރޭގެ މެޗުން ބަލިވި ބާސެލޯނާ އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތްވަނައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ކޮބާ މެސީއަށް ނުކުޅެވޭތީ ބާސާއަށް ވާގޮތް ފެނޭތަ؟ ރޮނާލްޑޯ ރޭއާލްމެޑްރިޑަށް މިހާރު ނުކުޅޭތި ވާގޮތްފެނޭ

    2
    1