ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީން ސޮއި ކޮށްފައިވަނީ ގއ. ވިލިނގިލި، ސ.ހުޅުދޫ އަދި ރ. ދުވާފަރުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަޙްމަދު މަޙްލޫފް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

މިނިސްޓްރީ އާއި އެމްޓީސީސީއާއި ދެމެދު ސޮއިކޮށްފައިވާ މި އެއްބަސްވުމަކީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ކޮންމެ ރަށަކަށް ކަނޑައަޅާފައި ވަނީ 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ މަހުލޫފު ވިދާޅުވީ، އެމްޓީސީސީއާއި މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މި މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެ ކުންފުނީގައި ހުރުމުން ކަމަށާއި މިކަހަލަ މަސައްކަތަށް ގިނަ އަދަދެއްގެ ވެހިކަލް ބޭނުން ވާނެތީ، އެހެން ކުންފުނިތަކަށް އެކަމަށް ދަތިތަކެއް ދިމާވާނެ ކަމަށެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތެރޭގައި ފުޓްބޯޅައަށް އޮންނަ ފޮރި ގަދަ ގަދަވަމުން އަންނަ އިރު އެރަށްތަކުގައި ކުރިއަށް ގެންދާ މުބާރާތްތަކުގައި މޮޅެތި ކުޅުންތެރިން ހޮވަންޖެހޭކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ އިތުރުންވެސް މިނިސްޓްރީން ވަނީ މިމަހުގެ ކުރީކޮޅު ހަތް ރަށެއްގެ ފުޓްބޯޅަދަނޑު ސަބް ބޭސް ތައްޔާރުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލ.ގަން، ގދ.ތިނަދޫ، ތ.ތިމަރަފުށި، ވ.ކެޔޮދޫ، ހއ.ހޯރަފުށި އަދި އައްޑޫ ސިޓީގެ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީއެވެ.