ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމިއްޔާތަކަށް ފުރުސަތެއް ދީފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށާއި އުވާލަން ނިންމާފައިވާ ޖަމިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.

އިއުލާނުގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އުވާލުން ހުއްޓުވުމަށް އެދޭ ޖަމިއްޔާއަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ޖަމިއްޔާ އުވާލުން ހުއްޓުވުމަށް އެދޭނަމަ 24 ސެޕްޓެމްބަރުގެ 14:00 އާއި ހަމައަށް އެކަން ލިޔުމުން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ފުރުސަތުދީފައެވެ.

މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، 25 ސެޕްޓެމްބަރުން ފެށިގެން ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް އެމިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދޭ ޖަމިއްޔާތަކެއް ކަމަށެވެ. ނަމަވެސް ބައެއް ޖަމިއްޔާތަކުން ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަ ނާޅާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚާލިދު

    1980 ޖަމިއްޔާ އުވާލައިގެން ކޮންފައިދާއެއް ހޯދަންތޯ ތިޔައުޅުއްވަނީ . މިހާތަނަށް ވެސް ރަށްރަށުގަ ހިލޭސާ ބަހަށް ކަމެއްކޮށްދީފަ އޮންނަނީ ޖަމިއްޔާ ތަކުން. އަހަރީ ރިޕޯޓް ހުށަނާޅަނީއޭ ކިޔާފަ އުވާލީމަ މިނިސްޓްރީގެ
    މެންޑޭޓް ވެސް އިވުނީ . ތިޔައިން ކޮންމެ ޖަމިއްޔާއެއްގައި މަދުވެގެން 100 މެންބަރުން
    ތިބޭނެ! އެހެންވީމާ 20000 ވިހިހާސް ވޯޓް
    ތިޔަ ގެއްލުނީ! މިހާދުވަސް ވީއިރުވެސް ތިކަމަށް
    ހައްލު ގެންނަށް ގާނޫނަށް އިސްލާހު ގެނެސް ރަށުކައުންސިލަށް ރިޕޯޓް ހުށަހެޅޭގޮތް ހަދާކަށް ވެސް ނޫޅޭ! ހުރިހާ ބާރެއް މަރުކަޒީ ސަރުކާރުގެ
    މުށުތެރެއަށް ޖަމާކޮށްގެން ތިބެނީ!

  2. Anonymous

    ތީގެ ތެރޭގައި ސަލަފު ނުހިމެނޭ ބާ؟