ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓުން ޔުނައިޓެޑު ވިކްޓްރީގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދައި ތާވަލުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ކުޅުނު މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކުރީ 8-2ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުގައި އިތުބާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ގަލޮޅު ދަނޑުގައި އަދިވެސް ކުޅެމުން އަންނަ އެންމެ މޮޅު ކުޅުންތެރިއާ ދަގަނޑޭ މެޗުގައި ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ މިނެޓުގަ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުހައްމަދު އުމެއިރު ޔުނައިޓެޑް ވިކްޓްރީ އޭރިއާ އަރިމަތިން ނަގައިދިން ހުރަހުގެ ފައިދާ ނަގައި ތިރިތިރިން ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

ގްރީން ސްޓްރީޓާއިި ޔުނައިޓެޑު ވިކްޓްރީ ބައްދަލު ކުރި މެޗް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މެޗުގައި ގްރީން އިން ޖެހި ދެވަނަ ލަނޑު ހަތްވަނަ މިނެޓުގައި ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ރިސްވާން ކާމިޔާބުކޮށްދީ، ލީޑު ދެ ލަނޑަށް ފުޅާކޮށްދިން ނަމަވެސް 39 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

ގްރީންގެ އޭރިއާ ބޭރުގައި ހުރެ ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަހުމަދު ނާޝިދު ފޮނުވާލި ހިތްގައިމު ބޯޅަ ކީޕަރު ބޯމަމަތިން ގޮސް ވެއްޓުނީ ގޯލުގެ ކަނަށެވެ. ނާޝިދުގެ ލަނޑުން ޔޫވީން ފަރަގު ކުޑަކުރިނަމަވެސް ދަގަނޑޭ ވަނީ ހާފުގެ ފަހު މިނެޓުކޮޅުގައި ކައިރިކައިރީގައި ދެ ލަނޑު ޖަހައި ގްރީން އަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ގްރީން ސްޓްރީޓާއިި ޔުނައިޓެޑު ވިކްޓްރީ ބައްދަލު ކުރި މެޗް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެގޮތުން 42 ވަނަ މިނެޓުގައި ރިސްވާން ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ދަގަނޑޭ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރިއިރު އޭގެ އިރުކޮޅެއް ފަހުން އިތުރު ވަގުތުގައި ގްރީނުން އުފެއްދި ކައުންޓާ ހަމަލާއެއްގައި ގާސިމް ސައްމާމް ޔޫވީ އޭރިއާ ތެރެއަށްވަދެ ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދަގަނޑޭ ހެޓްރިކް ފުރިހަމަ ކުރި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

މެޗުގައި ގްރީން އިން ޖެހި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިއާ ރިހާމް އަބްދުލްޢަނީ އެވެ. ރިހާމް ލަނޑު ޖެހީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޔޫވީ އޭރިއާ ތެރެއަށްވަދެ ދަގަނޑޭ ދިން ބޯޅަ މުޅިން ހުސްކޮށް ހުރެ ތިިިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ދަގަނޑޭ މިއަދުގެ މެޗުގައި ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑު ޖެހީ 56 ވަނަ މިނެޓުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިސްވާން ޔޫވީ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް އެއް ޝޮޓުން ގޯލަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގެ މެދަކާއި ހިސާބަށް އައިއިރު މުޅިންހެން ނިކަމެތިވެފައި އޮތް ޔުނައިޓެޑް ވިކްޓްރީން 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އެޓީމުގެ ދެވަނަ ލަނޑު ޖެހި އެވެ. އަމިއްލަ ހާފު ތެރެއިން އުފެއްދި ކައުންޓާ ހަމަލާއެއްގައި ބޯޅަ ހިފައިގެން ކުރިއަށްގޮސް އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ވައްދާލައިގެން އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިރާހް މުހައްމަދު އެވެ. މެޗު ނިމެން ވިއްސަކަށް މިނެޓަށް ވެފައި ވަނިކޮށް ޔޫވީގެ އިސްމާއިލް ޝަފީޢު އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ. އިއްސެ އަށް ރަތް ކާޑު ދައްކާފައިވަނީ ރެފްރީ އާއި ބޭއަދަބީ ބަހުން މުހާތަބު ކުރުމުންނެވެ.

މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް ގްރީނުން ޔޫވީގެ ގޯލަށް ހަތްވަނަ ލަނޑު ޖެހި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާއިފް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ އެވެ. އޭގެ އިރުކޮޅެއް ފަހުން ދަގަނޑޭ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަބްދުﷲ ޔާމީން ވަނީ ސްކޯ ޝީޓުން ޖާގަ ހޯދައި ގްރީންގެ އަށް އެޓީމުގެ އަށް ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ގްރީން ސްޓްރީޓާއިި ޔުނައިޓެޑު ވިކްޓްރީ ބައްދަލު ކުރި މެޗް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ޔުނައިޓެޑު ވިކްޓްރީ އަތުން ލިބުނު ބޮޑު މޮޅާއެކު ގްރީން ސްޓްރީޓަށް އަށް މެޗުން ފަނަރަ ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ އެންމެ ކުރީގައި ވިހި ޕޮއިންޓް ހޯދައިގެން އޮތީ މާޒިޔާ ސްޕޯޓްސް އެވެ. ޔޫވީ އޮތީ އަށް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ހަތް ވަނަ މަގާމުގަ އެވެ.

ތާވަލުގެ ތިންވަނައިގައި އޮތް އީގަލްސް އާއި ހަތަރުވަނައިގައި އޮތް ދަ ގްރާންޑޭގެ ކުރިމަތިލުން މާދަމާ ރޭ އޮތްއިރު އެ މެޗު ކާމިޔާބުކޮށްގެން ފުރަތަމަ ބުރު ނިމުމުގެ ކުރިން ތާވަލުގެ ދެވަނަ އަށް އެރުމުގެ ފުރުސަތު މިދެޓީމަށް ވެސް އެބައޮތެވެ. އީގަލްސް އާއި ދަ ގްރާންްޑޭ އަށްވެސް ތޭރަ ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ތިންވަނަ ލިބެނީ ފައިދާ ލަނޑުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބެވެ. މިވަގުތު ތާވަލު އޮތްގޮތުން ޓީސީ ބާރާ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނަ މަގާމުގައި އޮތްއިރު ފޯކައިދޫ އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައްދާމް

    އަދި މިރާއްޖެއަކުނެތް އަދި އަރާކަށްވެސްނެތް މިފަދަ ކުޅުންތެރިއެއް. އެފް އޭއެމް ބޮޑުތަނުން ފެއިލްވެފައި.