ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ހާލަތު މިހާރު އޮތްގޮތުން ލީގުގެ ތިންވަނަ ބުރު އޮންނާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ދިވެހި ލީގުގެ ދެވަނަ ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ދިވެހި ލީގުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން ކަމަށާއި އަބަދާއި އަބަދު ލީގު މެދުކަނޑާލަން ޖެހޭތީ ލީގުގެ ތިންވަނަ ބުރު އޮންނާނެ ކަމާއިމެދުވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ.

ސުޒޭން ބުނީ މިދިޔަ ސީޒަންގައިވެސް އެފްއޭއެމް އިން ކުރިއަށް ރާވަން ނިންމާފައި އޮތް ދެ މުބާރާތް ފަހުން ކެންސަލް ކުރީކަމަށާއި މި ސީޒަންގައި ލީގުގެ ކަންތައްތައް ކުރިއަށްދާ ގޮތުން މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރަށްވެސް ބޮޑެތި ބަދަލުތައް އައުން ކައިރި ކަމަށެވެ.

"ލީގު މިވަގުތު އޮތީ އެހާ ރަނގަޅު ހާލައެއްގައެއް ނޫން. އެންމެނަށްވެސް އިނގޭނެ ފަދައިން ވަރަށް ދަށްކޮށް މިދަނީ ހަގީގަތުގައި. އެތައް ބޮޑެތި ބްރެކް ތަކެއް އެބައާދޭ މެޗުތައް ދޭތެރެއިން. މި ދާގޮތުން ލީގުގެ ބުރެއް މަދުވެސް ކޮށްފާނެ. މި އުސޫލުން ކަންތައްތައް ހިނގާނަމަ މިފަހަރު ވެސް ލީގު ޝެޑިއުލާއި އެއްގޮތަށް ނުގޮސްދާނެ. މިދިޔަ އަހަރުވެސް ހަަމަ މިހެން ވެގެން އެންމެ ފަހުން ނިންމީ ދެ މުބާރާތެއް ނުބާއްވަން. މިއީ އަސްލު ދެރަކަންކަން '' ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ލީގުގެ ހާލަތު އޮތްގޮތުން ވަކި ބުރަކަށް ޓާގެޓްކޮށްގެން މަސައްކަތްކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. އަދި ލީގު މެދުތެރެއިން ބޮޑެތި ބްރޭކްތައް އަންނާތީ ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށްގެންދަން ޖެހެނީ ޕްރީ ސީޒަން ސްޓައިލަށްކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށާއި ޖުމްލަ ގޮތެއްގައި ޓީމްތަކުގެ ނަތީޖާތަކަށް ވެސް އަސަރުކުރާ ކަމަށެވެ.

ދިވެހި ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ހަފްތާގެ މެޗުތައް ކުޅެ ނިންމާފައި ދެން ލީގު ފަށާނީ އަންނަ މަހުގެ 16ގަ އެވެ. ބްރޭކަށްފަހު ދެ ހަފުތާފައި މެޗުތައް ކުރިއަށްގޮސް އަނެއްކާވެސް 27 އޮކްޓޯބަރ އިން 12 ޑިސެމްބަރ އަށް ލީގުގެ ކުޅުން މެދު ކެނޑޭނެއެވެ. ސުޒޭން ވަނީ މީގެ ކުރިން ވެސް އެތައް ބައްދަލުވުމެއްގައި ދިވެހި ފުޓްބޯޅަ ކަލަންޑަރު ރާވާފައި އޮތްގޮތަށް ފާޑުކިޔާފަ އެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފެށުމުން ކްލަބްތަކަށާއި ދިވެހި ފުޓްބޯޅަ އަށް ކުރި އެއްވެސް ފައިދާއެއްއެއް ނެތް ކަމަށް ބުނެ ސުޒޭން ވަނީ އެފްއޭއެމް އަށް ފާޑުކިޔާފަ އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުން ހޯދި ބޮޑު މޮޅާއެކު ގްރީން ސްޓްރީޓް ވަނީ ތާވަލުގެ ދެވަނަ އަށް ޖެހިލާފަ އެވެ. ލީގުގެ ފުރަތަމަ ބުރުގެ ފުރަތަމަ ހަތަރުވަރަކަށް މެޗުގައި ގްރީން އަށް އެހާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނަސް އެޓީމުން އެބުރު ނިންމާލީ ވަރުގަދަ ކޮށެވެ. ގްރީން އަށް ފުރަތަމަ ބުރުގެ އަށް މެޗުން 15 ޕޮއިންޓް ލިބުނުއިރު އެއް ވަނައިގައި އޮތް މާޒިޔާ ވަނީ އަށް މެޗުން 20 ޕޮއިންޓް ހޯދާފައެވެ. ތާވަލުގެ ތިންވަނައިގައި ކްލަބް އީގަލްސް އޮތީ ކުޅުނު 8 މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ.

ދިވެހި ލީގުގައި އީގަލްސް އާއި ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންސޫރަ

    ޔޫތު މިނިސްޓަރު އަމީތާބާ ދެމީހުން ފޮޓޯނަގަނީ
    ރާ އްޖޭ ކުޅިވަރު ދަނީދަށަށް

  2. ހުސޭނު

    ތިންވަނަ ބުރު ކުޅެން އިންޑިޔާއިން ރިޓަޔަރ ވެފަތިބި ފިލްމިސްޓާރުން އެބަގެނޭ. ހާސް ކަނޑާލާ.