އިންޑިއަން ސުޕަ ލީގުގައި ވާދަކުރަމުން އަންނަ މުމްބާއީ ސިޓީ ގަންނަން ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބު ކަމަށްވާ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ ވެރިން ތައްޔާރުވެއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މަހުޖަނު ޝެއިހް މަންސޫރު، އެއިރު ވީރާނާވެފައިއޮތް މެންޗެސްޓާ ސިޓީ ގަތީ 2008 އަށްވަނަ އަހަރު އެވެ. ޝެއިޚް މަންސޫރު ސިޓީ ގަތް ހިސާބުން އެ ކްލަބު ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަރައިގެން އައިސް މިހާރު އަންނަނީ އިނގިރޭސި ފުރަތަމަ ޑިވިޝަންގައި ގަވާއިދުން ކާމިޔާބީ ހޯދަމުންނެވެ.

މެންޗެސްޓާ ސިޓީ ފަހަކަށް އައިސް ހޯދަމުން އަންނަ ކާމިޔާބީތަކުގެ ފަހަތުގައި އޮތީ އެ ކްލަބު ހިންގަމުން އަންނަ ސިޓީ ފުޓްބޯޅަ ގްރޫޕެވެ. އަބޫ ދާބީ ޔުނައިޓެޑް ގްރޫޕްގެ ދަށުން 2014 ވަނަ އަހަރު އުފެއްދި ސިޓީ ފުޓްބޯލް ގްރޫޕުން އަންނަނީ މުޅި ދުނިޔެ އަށް އެ ކުންފުނީގެ ފުޓްބޯޅަ ޕްރޮޖެކްޓް ފުޅާކުރަމުންނެވެ. އެ ގްރޫޕްގެ އެންމެ އިސް ކްލަބު މެންޗެސްޓާ ސިޓީގެ އިތުރުން އެމެރިކާ ލީގުގައި ނިއުޔޯކް ސިޓީ، އޮސްޓްރޭލިއާގައި މެލްބަން ސިޓީ، އުރުގުއޭގައި އެތުލެޓިކޯ ޓޯކޭ، ޗައިނާގައި ޝިޗުއާން ޖިއުނީއޫ އަކީ ސިޓީ ފުޓްބޯޅަ ގްރޫޕްގެ ބެލުމުގެ ދަށުގައި ހިންގަމުން އަންނަ ކްލަބުތަކެވެ.

ސިޓީ ފުޓްބޯޅަ ގްރޫޕުން މިހާރު އަމާޒުހިފާފައިވަނީ އިންޑިއަން ސުޕަ ލީގަށެވެ. މީގެ ފަސްވަރަކަށް އަހަރުކުރިން އިންޑިއާ ސަރުކާރުން އެގައުމުގެ ފުޓްބޯޅަ ކޮޅަށް ނަގަން ނިންމި ހިސާބުން އެގައުމުގެ ފުޓްބޯޅަ ލީގު ވަނީ ހައިރާންކުރުވަނިވި ސްޕީޑެއްގައި ކުރިއަރައި ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިޓީ ފުޓްބޯޅަ ގްރޫޕްގެ ޓާގެޓް ސުޕާ ލީގުގެ މުމްބާއީ ސިޓީ އަށް ހިފައި އެ ޓީމު ގަންނަން ސިޓީ ގްރޫޕުން ތައްޔާރުވަމުން އަންނަ އިރު މިހާރު އެއްބަސްނުވެވި އޮތީ އަގަކާ މެދު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީ ފުޓްބޯޅަ ގްރޫޕްގެ ސީއީއޯ ފެރަން ސޮރިއާނޯ ބުނީ އެ ގްރޫޕްގެ އަމާޒަކީ ފުޓްބޯޅަ އަށް ލޯބި ޖެހިފައި ހުންނަ ގައުމުތަކުގެ ފުޓްބޯޅަ މާކެޓަށް އިންވެސްޓް ކުރުން ކަމަށާއި އެގޮތުން އިންޑިއާގެ ސުޕާ ލީގަށް ނަޒަރު ހިންގަމުން އަންނަތާ ދެ ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަންނަ ކްލަބްތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފަ އެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލުގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދެ އެވެ.