އިންޑިއަން ސުޕަ ލީގަށް ތައްޔާރުވާ އީސްޓް ބެންގާލްގެ ކޯޗަކަށް އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅުނު ކުރީގެ ކުޅުންތެރިޔާ ރޮބީ ފައުލާ އައްޔަނުކޮށްފިއެވެ.

މިއީ އީސްޓް ބެންގާލްއަށް ސުޕަ ލީގުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ލީގު އިތުރަށް ފުޅާކުރުމުގެ ގޮތުން އީސްޓް ބެންގާލްއަށް ސުޕަ ލީގުން ފުރުސަތު ދިންއިރު އެ ޓީމަކީ މިފަހަރުގެ އެންމެ ރަނގަޅަށް ތައްޔާރުވާ އެއް ޓީމެވެ. އެގޮތުން އެ ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނަން މަޝްހޫރު މީހުންނެވެ.

އީސްޓް ބެންގާލްގެ އާ ކޯޗު ރޮބީ ފައުލާ އެންމެފަހުން މަސައްކަތްކޮށްފައިވަނީ އޮސްޓްރޭލިއާ ލީގުގައެވެ. އޭނާއާއެކު އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އެވަޓަން، ސިޓީ އަދި ބާންލީއަށް ކުރިން ކުޅުނު އެންތަނީ ގްރާންޓް އާއި އިންޑިއާ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރެނެޑީ ސިންގް އެވެ.

މީގެއިތުރުން ފުރަތަމަ ފަހަރަށް ހިލޭޖެހުންތަކަށް ހާއްސަ ކޯޗެއްވެސް އީސްޓް ބެންގާލްއިން ވަނީ ހަމަޖައްސާފައެވެ. މި މަޤާމަށް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ބްލެކްބާން އާއި ބްލެކްޕޫލް ގެ ހިލޭޖެހުންތައް ތަމްރީނުކޮށްދިން ޓެރެންސް މެކް ފިލިޕްސް އެވެ. މިއީ އިންޑިއާގެ ޓީމަކަށް މި މަޤާމުގައި އައްޔަނުކުރި ފުރަތަމަ ކޯޗެވެ.

އީސްޓް ބެންގާލްގެ އާ ކޯޗިން ސްޓާފުންގެ ޓީމު

ގޯލްކީޕަރ ޓްރެއިނަރަކަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ޖަމްޝެދްޕޫރުގެ ގޯލްކީޕަރު ކޯޗުކަންކޮށްދިން ރޮބަޓް މިމްސް އެވެ.

މިއީ އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި ޓީމަކުން ފެނިގެންދާ އެންމެ ގިނަ ހައި ޕްރޮފައިލް މަޤާމުތަކެވެ.

އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ފެށުމަށް މަސައްކަތްކުރަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ސީޒަން ކެންސަލްކޮށްފައިވަނީ ޖުލައިމަހުގައެވެ. ކެންސަލްކުރުމަށް ފަހު އިނާމް ފައިސާ ވަނީ ލީގުގައި ވާދަކުރާ ހުރިހާ ކުލަބަކަށް ހަމަހަމައަށް ބަހާލާފައެވެ. ލީގު ޗެމްޕިއަން ޓީމެއްގެ ގޮތުގައި ކަނޑައެޅީ އެފްސީ ގޯއާ އެވެ.

މިފަހަރުގެ އައިޕީއެލް ކުޅުމަށް ހަމަޖެހިފައިވަނީ ގޯއާ އަށް ނިސްބަތްވާ ތިން ސްޓޭޑިއަމެއްގައެވެ. އެއީ ސަލާމަތީގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެޅި ފިޔަވަޅެއް ކަމަށް އޯލް އިންޑިއާ ފުޓުބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން މައުލޫމާތުދެއެވެ.