ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ފްރޭންކް ރިބެރީގެ މޮޅު ކުޅުމާއެކު ފިއޮރެންޓީނާ އިން އޭސީ މިލާނުގެ މައްޗަށް ކުރިހޯދައި ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

އިޓަލީގެ ސެރިއާ އޭގައި ރޭ އޭސީ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ފިއޮރެންޓީނާ އިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު ފިއޮރެންޓީނާ ވަނީ އެޓީމު މިހާތަނަށް ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ ނުވަ ވަނަ އަށް ޖެހިލާފަ އެވެ.

ޖެހިޖެހިގެން ލީގުގައި ބަލިވި ތިންވަނަ މެޗާއެކު އޭސީ މިލާން ވަނީ ތާވަލުގެ ސޯޅަ ވަނައަށް ވެއްޓިފަ އެވެ. ހަ މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގެ އެންމެ ކުރީގައި ސައްތައިގެ ރެކޯޑަކާއެކު އިންޓަ މިލާން އޮތީ އަށާރަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސޯޅަ ޕޮއިންޓާއެކު ޗެމްޕިއަން ޔުވެންޓަސް ވިއްދާފައި އޮތްއިރު ތިންވަނަ މަގާމުގައި ތޭރަ ޕޮއިންޓް ލިބިގެން އޮތީ އެޓްލާންޓާ އެވެ.

ރޭ އޭސީ މިލާނުގެ މައްޗަށް ފިއޮރެންޓީނާ ކުރިހޯދިއިރު އެ މެޗުގައި ތަޖުރިބާކާރު ފޯވަޑް ރިބެރީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގައި ގިނަ އަހަރުތަކެއް ވަންދެން އުޅުމަށްފަހު ރިބެރީ އިޓަލީ އަށް ބަދަލުވީ ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގަ އެވެ. ރޭގެ މެޗުގައި ފިއޮރެންޓީނާ އަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ޕުލްގާ އެވެ.

ފުރަތަމަ ހާފުގައި ފިއޮރެންޓީނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މިލާނުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޒުވާން ކީޕަރު ޑޮނަރުންމާގެ ހުޝިޔާރު ސޭވްސް ތަކުން މިލާނުން ވަނީ އިތުރު ލަނޑުތަކެއް ނުވައްދައި 1-0 އިން ފަހަތުގައި އޮވެ ފުރަތަމަ ހާފު ފަރުޖައްސާފަ އެވެ.

މިލާނުގެ ކީޕަރުގެ ފަރާތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެޓީމުގެ ޑިފެންޑަރުންނަށް ރިބެރީ ނުހިފެހެއްޓުމުގެ ނަތީޖާއަކަށްވީ ފިއޮރެންޓީނާ އިން ދެވަނަ ލަނޑު ޖަހައި ފަރަގު ބޮޑުކުރުމެވެ. ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކަސްޓްރޮވިލީ މިލާނުގެ ދެވަނަ ލަނޑު ޖަހައިދިންއިރު އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ފިއޮރެންޓީނާގެ ތިންވަނަ ލަނޑާއެކު ރިބެރީވެސް ވަނީ ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ. މެޗުގައި އޭސީ މިލާނަށް ސުންކަނޑުވައިދިނީ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ރަފައޭލް ލިއޯ އެވެ.