ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ ޖަރުމަނާއި އާޖެންޓީނާ ބައްދަލުކުރި މެޗު ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

އަނިޔާގެ ސަބަބުން ދެޓީމުގެ ވެސް ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ނުކުޅެ އެވެ. ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ވަނީ ރޭގެ މެޗުގައި އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. ރޭގެ މެޗުގައި ޖަރުމަނުގެ ގޯލު ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ބެލެހެއްޓިއިރު ބަޔާންގެ ރައީސް އުލީ ހޮއެނެސް ދާދި ފަހުން ވަނީ މެނުއަލް ނޯޔާގެ ބަދަލުގައި ޖަރުމަނުގެ އެއް ވަނަަ ކީޕަރަކީ ސްޓެގެން ކަމަށް ހަދައިފިނަމަ ބަޔާނުން ގައުމީ ޓީމަށް ކުޅުންތެރިން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

އާޖެންޓީނާ ރޭގެ މެޗާއި ކުރިމަތިލީ ސަސްޕެންޝަނެއްގައި ހުރި ކެޕްޓަން ލިއޮނެލް މެސީ އާއި ގޮންޒާލޯ ހިގުއިންގެ އިތުރުން ސާޖިއޯ އަގުއޭރޯ ނުލަ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމައުންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޖަރުމަނުންނެވެ. އެގޮތުން އެޓީމުން ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ތޭރަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސާޖް ގްނަބްރީ އެވެ.

ގްނަބްރީގެ މި ލަނޑަކީ ލީޕްޒިގް އަށް ކުޅެމުން އަންނަ ޑިފެންޑަރު ލޫކަސް ކްލޮސްޓަމެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެެވެ. އެގޮތުން އާޖެންޓީނާގެ އެންހެން ކޮރެއާ ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ކްލޮސްޓަމެން ތިރިތިރިން ނަގައިދިން ހުރަސް ގްނަބްރީ ގޯލަށް ވައްދާލީ ކައިރީގައި ތިން ކުޅުންތެރިން ވިއްދާފައި ވަނިކޮށެވެ. މި ލަނޑާ އެކު ގްނަބްރީ ވަނީ 11 މެޗުން ގައުމީ ޓީމަށް 10 ލަނޑު ހަމަކޮށް އެންމެ އަވަހަށް އެ އަދަދަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފަ އެވެ. ކުރިން މި ރެކޯޑް އޮތީ 13 މެޗުން 10 ލަނޑު ހަމަކުރި ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯސާ އަތުގަ އެވެ.

ޖަރުމަނުން މެޗުގައި ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ 22 ވަނަ މިނެޓުގަ އެވެ. މި ހަމަލާގައިވެސް އިސް ރޯލެއް އަދާކުރީ އުމުރުން 23 އަހަރުގެ ކްލޮސްޓަމެން އެވެ. އެގޮތުން އާޖެންޓީނާގެ ޑިފެންޑަރު މާކޮސް ރޯހޯ އަތުން ބޯޅަ ގެއްލުމުން ކްލޮސްޓަމެން ގްނަބްރީ އަށް ޖައްސާލުމުން އޭނާ އިދިކޮޅު އޭރިއާ ތެރެއަށް ތިރިތިރިން ހުރަސް ނެގިއިރު ހުސްކޮށްހުރި ކާއީ ހަވާޓްޒް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އެއް ޝޮޓުންނެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

އާޖެންޓީނާ އިން އެއްވަރުކުރީ ދެ ވަނަ ހާފްގައި ޖެހި ލަނޑުތަކުންނެވެ. މި ދެ ލަނޑު ވެސް ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ދެ ކުޅުންތެރިންނެވެ. މެޗުގެ 66 ވަނަ މިނިޓްގައި މާކޮސް އަކޫނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހީ ލޫކަސް އަލާރިއޯ އެވެ. އޭގެ ފަހުން 85 ވަނަ މިނެޓުގައި އަލާރިއޯ ދިން ބޯޅައަކުން މެޗުގެ ނަތީޖާ އާޖެންޓީނާ އަށް އެއްވަރުކޮށްދިނީ ލޫކަސް އޮކަމްޕޯސް އެވެ.