ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ އެފްއޭއެމް އިން ކުރާ މަސައްކަތަށް އޭއެފްސީން ބްރޯންޒް މެމްބަރޝިޕްކަން ދީފި އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީން ބްރޯންޒް މެމްބާޝިޕް ރާއްޖޭގެ އިތުރުން ފަަލަސްތީނަށް ދޭން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ ކުރިއަރުވަން ކުރާ މި ދެ ގައުމުގެ ފުޓްބޯޅަ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ބެލުމަށް ފަހު އެވެ.

އަގުވަޒަންކުރުމުގައި އޭއެފްސީން 20 ކެޓަގަރީ އަކަށް ބަލަ އެވެ. އޭގެ ތެރޭގައި މުބާރާތްތަކާއި ފެއާޕްލޭ، ޕާޓްނާޝިޕް އަދި ޕާސަނަލް ޑިވެލޮޕްމަންޓް ހިމެނެ އެވެ.

ރާއްޖޭން ފުޓްބޯޅަ ކުރިއެރުވުމުގައި ގްރާސްރޫޓް ލެވެލްގައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނައިރު އަންހެން އަދި ފިރިހެން އެކެޑަމީތައް ކުރިއަށްގެންދެ އެވެ. އަދި ރާއްޖޭން ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއެރުވުމަށް “ފުޓްބޯލް ޓު އޯލް އެޓް އޯލް ލެވެލްސް" ގެ ތެރެއިން ކުރަމުންދާ މަސައްކަތް އޭއެފްސީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ޒުވާން އުމުރުފުރައިގެ ކުދިން ކުރިއެރުވުމުގައި ރާއްޖޭގެ އެފްއޭ އިން ކުރަމުން އަންނަ މަސައްކަތްތައް އޭއެފްސީން ފާހަގަކޮށްފައިވެ އެވެ.

އޭއެފްސީގެ ގްރާސްރޫޓް ޕްރޮގްރާމްގެ ތެރެެއިން އައްޑޫ ސިޓީގައި ބޭއްވި ހަރަކާތުގައި އެ ސިޓީގެ 10 ސްކޫލުގެ ތެރެއިން ހަ ސްކޫލް ބައިވެރިވެފައިވާއިރު ޕްރީ ސްކޫލްގެ 10 ސްކޫލްގެ ތެރެއިން ހަތަރު ސްކޫލެއް ބައިވެރިވެފައިވާވެ އެވެ. މި ހަރަކާތުގައި އޭއެފްސީގެ ގްރާސްރޫޓް ކޯޗިން ލެވެލްގެ ހަތް ކޯޗުން ވަނީ ބައިވެރިވެފައެވެ.