ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ތުރުކީގެ ގަލަތަސަރާއީ ކޮޅަށް ހަ ލަނޑު ޖަހައި ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ސްޕެއިންގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ގަލަތަސަރާއީ އަތުން ރެއާލް މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެގޮތުން ހަތަރުވަނަ މިނެޓުގައި ރެއާލަށް 18 އަހަރުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯ ލީޑު ހޯދައިދިން އިރު، އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

ޒުވާން ކުޅުންތެރިއާ ރޮޑްރީގޯގެ ލަނޑުތަކުން ރެއާލް މެޗުގެ ކުރީކޮޅު ލީޑު ނެގިއިރު މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެއާލުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ.

މެޗުގައި ރެއާލުން ޖެހި ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ބެންޒެމާ ދެވަނަ ފަހަރަށް ގަލަތަސަރާއިގެ ގޯލު ފޫއަޅުވާލިއިރު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލްގެ ހަވަނަ ލަނޑު ޖަހައި ރޮޑްރީގޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުން ބޮޑު ތަފާތަކުން ރެއާލް މޮޅުވި ނަމަވެސް އަދިވެސް ގްރޫޕް އޭގެ އެއްވަނައިގައި އޮތީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އެވެ. ކުޅުނު ހަތަރު މެޗުން ޕީއެސްޖީއަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު ބުރޫޖަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގަލަތަސަރާއީއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު ރަށުން ބޭރުގައި ރޭ އެޓަލާންޓާއާ ދެކޮޅަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެޓްލާންޓާގެ ދަނޑުގަައި ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ސިޓީއަށް ލީޑު ހޯދައިދީފައެވެ. ލީޑުގައި އޮވެ ސިޓީން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭ އެޓަލާންޓާ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓަލާންޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.

ސިޓީން ރޭގެ މެޗުގެ ދެވަނަ ހާފު ފެށީ ބްރެޒިލްގެ ކީޕަރު އެޑަސަންގެ ބަދަލުގައި ކޮލަމްބިއާގެ ކްލައުޑިއޯ ބްރާވޯ ކުޅެން އަރުވައިގެންނެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ބްރާވޯއަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ބްރާވޯއަށް އެ ރަތް ކާޑު ދެއްކީ އެޓަލާންޓާގެ އެލެސެންޑްރޯ ގޮމޭސް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ދަނިކޮށް، ޕެނަލްޓީ އޭރިއާ ބޭރަށް ނުކުމެ އޭނާއަށް ބްރާވޯ ކުރި ފައުލާ ގުޅިގެންނެވެ. ސިޓީގެ ބެންޗުގައި އިތުރު ކީޕަރެއް ނެތުމުން އެޓީމުގެ ގޯލު މެޗުގެ ބާކީ ވަގުތުކޮޅުގައި ބެލެހެއްޓީ ޑިފެންޑަރު ކައިލް ވޯކާއެވެ.

މި މެޗުން އެއްވަރުވި ނަމަވެސް ގްރޫޕް ސީގެ އެއްވަނައިގައި އޮތީ ސިޓީއެވެ. ކުޅުނު ހަތަރު މެޗުން ސިޓީއަށް ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޝަޚްތާރު ޑޮނެސްކް އާއި ތިންވަނައިގައި އޮތް ޑައިނަމޯ ޒަގްރެބްއަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެޓަލާންޓާއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.