ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖޭގެ ގައުމީ އަންހެން ވޮލީ ބޯޅަ ޓީމް މޮޅުވެެއްޖެ އެވެ.

މިއަދުގެ މެޗުން ރާއްޖެ މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ހައްވާ ރާޝިދާ އެވެ. މެޗުގެ ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު ރާއްޖޭން ސެޓު ގެންދިޔައީ 26-24 އިންނެވެ. ދެވަނަ ސެޓާ ތިންވަނަ ސެޓު 22-25، 14-25 އިން ގެންގޮސް ކިރްގިސްތާނުން މެޗުގައި ލީޑެއް ނެގި ނަމަވެސް ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައި ފަހު ދެ ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. ދިވެހި ޓީމުން ފަހު ދެ ސެޓު ގެންދިޔައީ 25-18 އަދި 15-10 އިންނެވެ.

ގައުމީ ޓީމުން މި ފަހަރުގެ މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)އާ އެކު އެވެ. އެކަމަކު ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ.

މި މުބާރާތަކީ އަންނަ މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށާއި އަންނަ އަހަރު މާލޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ސެންޓްރަލް ޒޯން އަންހެން މުބާރާތަށް ދިއުމުގެ ކުރިން ރާއްޖެ ޓީމުގެ ފެންވަރު ދެނެގަންނަން ރަނގަޅު މުބާރާތެކެވެ. މިފަހަރުގެ މުބާރާތާ އަންހެން ގައުމީ ޓީމު ކުރިމަތިލާފައިވަނީ މެޑެއްޔެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ތިންވަނަ މެޗުގައި ހޯމަ ދުވަހު އަފްޣާނިސްތާނާ ބައްދަލުކުރާއިރު، ބުދަ ދުވަހު ނުކްނާނީ ނޭޕާލާ ދެކޮޅަށެވެ.