ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މާލޭގައި ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން މާދަމާ ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް އިން ބުނީ މާދަމާ ހަވީރު 4:00ގައި އެއް ނަމްބަރު ޓާފް ދަނޑުން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ޓިކެޓުގެ އިތުރުން ގައުމީ ޓީމުގެ އެންމެ ފަހުގެ ޖާޒީ ވެސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން އެންމެ ފަހުން ކޮލިފައިންގައި މާލޭގައި ޗައިނާ އާއި ދެކޮޅަށް ގައުމީ ޓީމް ކުޅުނު މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ.

ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެމެޗަށް ގަލޮޅު ދަނޑަށް ވީހާވެސް ގިނަ ސަޕޯޓަރުން ވެއްދުމަށް މަސައްކަތްކުރާނެ ކަމަށާއި ދަނޑުގައި ބޭނުންކުރުން މަނާކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް އަލުން ހުޅުވާލެވޭތޯ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖެ އިން ތިން މެޗު ކުޅެފައިވާއިރު މޮޅުވީ ގައުމުން ބޭރުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި ރާއްޖެ އޮތްއިރު ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައި އެވެ. ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބު

    ތިމެޗުން ވެސް ރާއްޖެވާނީ ބަލި

    3
    3
  2. ޕޮގުބާ

    ނުގަންނާނަ މެ

    2
    1
  3. އަދް

    ނުދާނަން .. ބޮއިކޮޓް ، އެންމެ ފަހުން ޗައިނާ އެއްކޮށް ކުޅުނު މެޗް ވިއްކާލިވަރު ހާމަ ނުކުރަނީސް ނުބުނާނަން

    2
    1
  4. ޖާޒީރާ ބޯއީ

    މިހާރުހުންނާނީ ވިކި ހުސްވެފައި، ޝަވީދު އާއި ބައްސާމު ގަރޭމެން ކަހަލަގެ ކުއްޖަކަށް ހުރިހާ ޓިކެޓްތަށް ވިއްކާލާނެ އޭރުން އެސޮރު ނުކުމެ ބްލެކް މާކެޓުގައި ޓިކެޓު ވިއްކާފައި ފައިސާކޮޅު އަލީއުމަރަށް ހަވާލުކުރާނެ. މީ މިވަގުން އަބަދުވެސް ކުރާ ކަންތައް.