ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމް ބަލިވެއްޖެއެވެ.

ލީގް ބުރުގެ ފަހު މެޗުން ރާއްޖޭގެ މައްޗަށް ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކުރި ހޯދައި ނޭޕާލުން ލީގު ބުރުގެ އެއް ވަނަ ހޯދިއިރު އެޓީމް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައެވެ. ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-14، 25-05 އަދި 25-13 އިންނެވެ.

މުބާރާތުގެ ފައިނަލުގައި ވެސް ނޭޕާލް ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ކުޅޭ ފައިނަލް ފަށާނީ ރާއްޖެ ގަޑިން މެންދުރު ދޭއް ޖަހާއިރު އެވެ.

ރާއްޖޭން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެގެންނެވެ. ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ކިރްގިސްތާނާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ. އެ އަށް ފަހު މުބާރާތް ބާއްވާ ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާންގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ރާއްޖެ އިން މި މުބާރާތާއި ކުރިމަތިލީވެސް މެޑެއްޔަކަށް ޓާގެޓް ކޮށްގެންނެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބުމުން މިކާމިޔާބީ އަކީ މިހާތަނަށް ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ލިބުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

 

ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވަނީ ޓީމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.