އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނޭޕާލް އަތުން ދިވެހި ގައުމީ އަންހެން ވޮލީ ޓީމް ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިވީ ތިން ސެޓުންނެވެ. މިއަދުގެ މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-13، 25-12 އަދި 25-08 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ވަނީ މޮޅަށް ކުޅެ ލީޑު ނަގައިފަ އެވެ. އެކަމަކު ނޭޕާލް ޓީމުން ވަނީ ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ލީޑު ނަގައި ފުރަތަމަ ސެޓު ކާމިޔާބުކޮށްފަ އެވެ. 25-13 އިން ފުރަތަމަ ސެޓު ނޭޕާލް ގެންދިޔައިރު ދެ ވަނަ ސެޓުގައިވެސް ނޭޕާލް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ފަސޭހަކަމާ އެކު 25-12 އިން މި ސެޓު ކާމިޔާބުކޮށް އެޓީމުން ބޮޑު ލީޑެއް ނެގިއެވެ. މެޗުގެ ތިން ވަނަ ސެޓާއި ކުރިމަތިލިއިރު ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ހިތްވަރު އެލިގެންދިޔަތަން ފެނުނެވެ. އޭގެ ބަދަލުގައި ނޭޕާލުން ވަނީ ޖޯޝުގައި ކުޅެ ސެޓު ފެށިގެން ނިމެންދެން ބޮޑު ލީޑެއްގައި އޮވެ 25-08 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.

ލީގު ބުރުގައި ރާއްޖޭން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހަމައެކަނި ބަލިވީ ވެސް ނޭޕާލް އަތުންނެވެ. އެ މެޗުން ވެސް ނޭޕާލް ވަނީ ތިން ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ. ފަސް ގައުމުން ވާދަކުރި މުބާރާތުގެ ލީގު ބުރުގެ ދެވަނަ ހޯދައިގެން ރާއްޖެ ފައިނަލަށް ދަތުރުކުރީ ކިރްގިސްތާނާއި މުބާރާތް ބޭއްވި ބަންގްލަދޭޝް އަދި އަފްގާނިސްތާން ބަލިކޮށްގެންނެވެ. ކިރްގިސްތާން އަތުން 3-2 އިން ރާއްޖެ މޮޅުވިއިރު ބަންގްލަދޭޝާއި އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މިނަތީޖާއާއެކު ރާއްޖެ އިން ރިހި މެޑަލަކާއެކު މުބާރާތް ނިންމާލިއިރު މިއީ ބައިނަލްއަގްވާމީ މުބާރާތުން ރާއްޖޭގެ ވޮލީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މިފަހަރުގެ މުބާރާތަށް ދިޔައިރު ރާއްޖޭގެ ޓީމުން އަމާޒުހިފީ އެންމެ ދަށްވެގެން މެޑަލެއް ކަށަވަރު ކުރުމަށެވެ. މުބާރާތުގެ ލީގް ބުރުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖޭން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތަށް ގައުމީ އަންހެން ވޮލީ ޓީމު ތައްޔާރު ވަމުން ދިޔައީ ވަރުގަދަ އަޒުމަކާއެކު އެވެ. މުބާރާތުގައި ގައުމީ ޓީމު ބައިވެރިވީވެސް އެންމެ ފަހު ވަގުތުގައެވެ. ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނާއި ވީއޭއެމްގެ އެކްސްކޯއިން އެސޯސިއޭޝަންގެ ލީޑާޝިޕަށް އަރާރުންވަމުން ދިޔަ ދަނޑިވަޅުގައި ގިނަބަޔަކު ހީކުރީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ނުލިބޭނެ ކަމަށެވެ.

ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުށައަޅާފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް ރާއްޖޭގެ ވޮލީގެ ޙާލަތަށް ރިއާޔަތްކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބަންގްލަދޭޝްގެ ފެޑެރޭޝަނުން ރާއްޖެ އަށް ދިން އިރު މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން އެ އެ އެކްސްކޯގެ ރައީސް މުހައްމަދު ލަތީފް އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ގައުމީ ފިރިހެން ވޮލީބޯލް ޓީމުގެ ކޯޗު ކަމާއި ދާދި ފަހަކުން ހަވާލުވި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވެސް ވަނީ އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިފަހަރުގެ އޭވީސީ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދުދެނީ އެސިސްޓެންޓް ކޯޗު މުހައްމަދު ފައިސަލެވެ.