އަންނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ސްޕެއިން އާއި އިޓަލީ ކުޅުނު މެޗުތަކުން އެދެޓީމް ފަސޭހެކަމާއެކު މޮޅުވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް އެފްގައި ސްޕެއިންގެ ކާޑިޒް ސިޓީގެ އެސްޓާޑިއޯ ރެމޮންޑެ ކެރެންޒާގައި މާލްޓާގެ މައްޗަަށް އެގައުމުން ކުރިހޯދީ 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތް އިރުވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބިފައިވާ ސްޕެއިން އަށް ވަނީ ކޮލިފައިންގައި އެޓީމް ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ލިބިފައެވެ. ގްރޫޕް އެފްގެ ދެވަނައިގައި 19 ޕޮއިންޓާއެކު ސްވިޑަން އޮތްއިރު ތިންވަނައިގައި އޮތީ 14 ޕޮއިންޓާއެކު ރޫމޭނިއާ އެވެ. ހަމަ އެއަދަދަށް ޕޮއިންޓް ހަމަކޮށްގެން ހަތަރުވަނައިގައި ނޯވޭ އޮތްއިރު ތިން ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ ފަރޯ އައިލޭންޑްސް އެވެ. މިގްރޫޕްގެ ފުލުގައި އޮތީ ތިން ޕޮއިންޓާއެކު މާލްޓާއެވެ.

މެޗާ ކުރިމަތިލިއިރުވެސް ޔޫރޯ އަށް ކޮލިފައިވެފައި އޮތުމުން ރޭގެ މެޗަށް ސްޕެއިންގެ ކޯޗު އަލްބާޓޯ މޮރޭނޯ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗު ސްޓާޓް ކޮށްފައިވަނީ ކެޕްޓަން ސާޖިއޯ ރާމޮސްގެ އިތުރުން މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ. ޓީމްގެ ފޯވަޑް ލައިންގައި އަލްވާރޯ މޮރާޓާގެ އިތުރުން ޕަބްލޯ ސަރާބިއާ އާއި ޖެރާޑް މޮރޭނޯ ހަރަކާތްތެރިވިއިރު ކީޕަރު ޑެހެއާގެ ބަދަލުގައި މިމެޗުގައި ކޯޗު މޮރޭނޯ ފުރުސަތު ދިނީ ލޯޕޭޒް އަށެވެ.

ކާޑިޒްގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ސްޕެއިނުން ފޮނުވާލިއިރު އެޓީމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މޮރާޓާ އާއި ސަރާބިއާ އާއި ސެންޓިއާގޯ ކަޒޯލާ އާއި މޮރޭނޯ އާއި ޓޮރެސްގެ އިތުރުން ޑަނިއެލް އޮލްމޯއެވެ. މީގެ ތެރެއިން މިޑްފީލްޑަރު ކަޒޯލާ ކާމިޔާބުކުރި ލަނޑަކީ ހަތަރު އަހަރުގެ ތެރޭގައި ގައުމީ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެެ. ފަޔަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ގިނަދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފައި އެނބުރި އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަޒޯލާ އަކީ މިވަގުތު ސްޕެއިންގެ ސްކޮޑުގައި ހިމެނޭ އުމުރުން އެންމެ ދުވަސްވީ އެއް ކުޅުންތެރިއާ އެވެ.

ކޮލިފައިންގައި ސްޕެއިން އިން ފަސޭހަ މޮޅެއް ހޯދިއިރު ވިލާތު ފުޓްބޯޅައިގެ ގަދަ ބާރު އިޓަލީ ވެސް ވަނީ ބޮސްނިއާގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރިހޯދައި ކޮލިފައިންގައި އެޓީމުގެ ސައްތައިގެ ރެކޯޑު ދަމަހައްޓައިފައެވެ. ރޭގެ މޮޅަކީ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ އަށް ލިބުނު ތާރީހީ މޮޅެކެވެ. މިއީ އިޓަލީ އަށް އުފަން ކޯޗަކު ބައިނަލްއަގުވާމީ މެޗުތަކުން ޖެހިޖެހިގެން ދިހަ މޮޅު ހަމަކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ރޭގެ މޮޅާއެކު އިޓަލީން ވަނީ އެގައުމުގެ ތާރީހުގައި ގައުމުން ބޭރުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަ މެޗު ކާމިޔާބުކޮށްފައެވެ.

ބޮސްނިއާގެ ބިލިނީ ޕޯލްހޭ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އިޓަލީ އަށް ލަނޑުތައް ޖަހައިދިނީ ފްރަންޝެސްކޯ އަސާބީ އާއި ލޮރެންޒޯ އިންޒީނޭގެ އިތުރުން އަންދްރެއާ ބެލޯޓީ އެވެ.

މި މޮޅާއެކު އިޓަލީން ނުވަ މެޗުން ނުވަ މޮޅު ހޯދިއިރު އެޓީމަށްވަނީ ގްރޫޕް ޖޭގެ އެއްވަނަ މަގާމް ކަށަވަރުވެފައެވެ. 27 ޕޮއިންޓާއެކު އެއްވަނައިގައި އޮވެ ޔޫރޯ 2020 އިން ޖާގަ ހޯދާފައިވާ އިޓަލީގެ ފަހަތުން ދެވަނައިގައި 18 ޕޮއިންޓް ހަމަކޮށްފައި އޮތް ފިންލޭންޑަށް ވެސް ވަނީ އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ލިބިފައެވެ.