އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން ހޮވާ ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ "ގޯލްޑެން ބޯއި 2019" އެވޯޑް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ވިހި އަހަރުގެ ވިންގާ ޖޮއާއޮ ފެލިކްސް އަށް ލިބިއްޖެ އެވެ.

މި އަހަރުގެ ގޯލްޑެން ބޯއި އެވޯޑް ފެލިކްސް ހޯދީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސާންޗޯ އާއި ވާދަކޮށެވެ. ފެލިކްސް އަށް 332 ވޯޓު ލިބުނުއިރު ސާންޗޯ އަށް ލިބުނީ 175 ވޯޓެވެ. ތިންވަނަ އަށް ދިޔައީ 75 ވޯޓާއެކު ބަޔާ ލެވަކޫސަންގެ ކައި ހަވާޓްޒް އެވެ.

ވިހި އަހަރުގެ ފެލިކްސް ގޯލްޑެން ބޯއި އެވޯޑް ހާސިލްކުރި އިރު އޭނާ އަކީ މިވަގުތު ޔޫރަޕްގައިވެސް އެންމެ ކުރިއަރަމުން އަންނަ އެއް ކުޅުންތެރިއާ އެވެ. މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ ބެންފީކާ އަށް 15 ލަނޑު ޖަހައިދީ އިތުރު ހަތް ލަނޑު ތަނަވަސްކޮށްދިން ފެލިކްސް ސީޒަން ނިމުމުން އެތުލެޓިކޯ އަށް ބަދަލުވީ 113 މިލިއަން ޕައުންޑްގެ ބޮޑު ފީއެއްގައެވެ.

ގޯލްޑެން ބޯއީ އެވޯޑަކީ އިޓަލީގެ ޓުޓޯސްޕޯޓް ނޫހުން 2003 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕް އިން ހޮވާލެވޭ ނޫސްވެރިންގެ ޓީމަކުންނެވެ. އެވޯޑަށް ކުޅުންތެރިއަކު ހޮވުމުގައި ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ފްރާންސް، ސްޕެއިން، ޕޯޗުގަލް، ގްރީސް، ރަޝިއާ އަދި ނެދަލެންޑްސްގެ އިތުރުން އިންގްލަންޑް ހިމެނެ އެވެ.

"އަހަރެން މިހުރީ ވަރަށް ފަހުރުވެރިވެފަ. މިއީ އެތުލެޓިކޯ މެޑްރިޑަށް ނިސްބަތްވާ ކުޅުންތެރިއަކު މި އެވޯޑް ހޯދި ދެ ވަނަ ފަހަރު. އެހެންވެ އެއީ އަހަރެންނަށް ލިބޭވަރަށް ބޮޑު އުފަލެއް" މީޑިއާއާ ވާހަކަ ދައްކަމުން ފެލިކްސް ބުންޏެވެ.

ބެންފީކާ އާއި އެތުލެޓިކޯ މެޑްރިޑް ތަމްސީލުކޮށް ފެލިކްސް މި އެވޯޑް ހޯދިއިރު 2007 ވަނަ އަހަރު އެތުލެޓިކޯގައި ހުރެ އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ ވެސް ވަނީ މި އެވޯޑް ހާސިލްކޮށްފައެވެ. 2003 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް އެންމެ ފުރަތަމަ ލިބުނީ ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އަށެވެ. އޭގެ ފަހުން ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ނަން މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ލިއޮނެލް މެސީ އާއި ޕައުލް ޕޮގްބާ އާއި އިސްކޯގެ އިތުރުން މާރިއޯ ގޮޓްޒޭ ވެސް ވަނީ މި އެވޯޑް ހާސިލްކޮށްފައެވެ. މިދިޔަ އަހަރު ގޯލްޑެން ބޯއި އެވޯޑް ހޯދީ މިހާރު ޔުވެންޓަސް އަށް ކުޅޭ ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު މެތިސް ޑި ލައިޓް އެވެ.