ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު މިއަދު ހަވީރު އަވައްޓެރި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ވަރުގަދަ އިންޑިއާ އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 25-14، 25-06 އަދި 25-17 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ގައުމީ އަންހެން ވޮލީ ޓީމް ކުޅުނު މެޗާއި ހިލާފަށް މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ސެޓުގެ ކުޅުން ފަށައިގެން ރާއްޖޭން ލީޑުގައި އޮއްވައި އިންޑިއާ އިން ނަތީޖާ އެޓީމް ކޮޅަށް އަނބުރާލީ ސެޓުގެ ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ފަހު އެވެ. ބްރެކް އަށް ފަހު އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގައި ފުރަތަމަ ސެޓު 25-14 އިން ކާމިޔާބުކޮށްފަ އެވެ.

ފޮޓޯ : އެމްއޯސީ

މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުފެނުނުއިރު އިންޑިއާ އިން މިސެޓު ގެންދިޔައީ ފަސޭހަކަމާއެކު 25-06 އިންނެވެ. ދެވަނަ ސެޓު ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ ގެންދިޔަ ނަމަވެސް ތިން ވަނަ ސެޓުގައި އަނެއްކާވެސް ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް ގިނަ ޕޮއިންޓް ތަކެއް ހޯދި އެވެ. ރަނގަޅަށް ކުޅެމުންދިޔަ ދިވެހި ޓީމްގެ މައްޗަށް ފަހު ސެޓުގައި އިންޑިއާ އިން އަތްގަދަ ކުރީ ސެޓުގެ ފަހުކޮޅުގައެވެ. އެގޮތުން ފަހު ދިހަ ޕޮއިންޓާއި ހަމައިން އިންޑިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް 25-17 އިން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ފޮޓޯ : އެމްއޯސީ

މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ސައްތައިގެ ރެކޯޑަކާއެކު އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭޕާލާއި ވާދަކޮށް އިންޑިއާ މޮޅުވީ 26-24، 25-12 އަދި 25-16 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ އަންހެން ޓީމު ވަނީ 25-8، 25-11،25-9 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.

މިފަހަރުގެ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ދަތުރުކުރީ ގްރޫޕް ބީގައި ރާއްޖެ އާއި ސްރީ ލަންކާއާއެކު ހިމެނުނު ޕާކިސްތާނުގެ އަންހެން ޓީމް ފަހު ވަގުތު މުބާރާތުން ވަކިވުމުންނެވެ. ޕާކިސްތާން ވަކިވުމުން ގްރޫޕުގެ އެއް ވަނަ ކަނޑައެޅުމަށް އިއްޔެ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ އަންހެން ޓީމު ވަނީ25-15، 25-18 އަދި 25-14 އިން ބަލިވެފަ އެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުންނާނީ މިރޭ ކުޅޭ ދެ ވަނަ ސެމީގައި ނޭޕާލުގެ އަންހެން ޓީމާއި ލަންކާގެ އަންހެން ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ބަލިވާ ޓީމެއް ޖެހޭނީ އަންނަ ހޯމަ ދުވަހު ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާށެވެ. ތިން ވަނަ ހޮވާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

މި ނަތީޖާތަކާއެކު ގޭމްސްގެ ވޮލީބޯޅަ އިވެންޓް ރާއްޖެ އަށް ވަނީ ނިމިފައެވެ. ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މުބާރާތުން ކަޓައިގެން ދިޔައީ ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ. ފިރިހެން ޓީމް ބަލިވީ ޕާކިސްތާނާއި ލަންކާ އަތުންނެވެ.

ވޮލީ އިވެންޓުގެ މެޗުތައް ރާއްޖެއަށް ނިމުނު ނަމަވެސް ގޭމްސްގައި އިތުރު 10 ކުޅިވަރެއްގައި ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. މިފަހަރުގެ ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރޯ

    ކަރަށާ ބޮލަށް އެއްކޮށް ވާންވާގޮތަށް ބުރުގާ ޖަހައިގެން ވޮލީފަދަ ކުޅިވަރެއް ނުކުޅެވޭނެއެވެ. އެއީ ބޯޅައަށް އިސްއުފުލާ ބަލަންޖެހޭ ކުޅިވަރެއްވީމާ ފަސޭހައިން އިސްއުފުލާ ތިރިކުރެވެންވާނެއެވެ. ކުޅިވަރަށް ޚާއްޞަ ބުރުގާ ހުންނާނެއެވެ. ޓީމު ބަލިވި އެއްސަބަބަކީ މިއީއެވެ.