ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ސެމީ އަށް އާސެނަލް ދަތުރުކުރީ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އެތްލެޓިކޯ ސެމީ އަށް ދަތުރުކުރީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީގައި އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާއިރު މިއީ ވާދަވެރި މެޗެއްގައި މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޔޫރޮޕާ ލީގު ދެ ފަހަރެއްގެ މަތިން މީގެކުރިން އެތްލެޓިކޯ އިން ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތް ކާމިޔާބުކުރާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެއެވެ. މި ސީޒަނުގައި މި ދެ ޓީމަށް ވެސް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ވެސް މިއީއެވެ.

އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އާސެނަލްގެ ދަނޑުގައެވެ. އެތްލެޓިކޯގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.

މުބާރާތުގެ އަނެއް ސެމީގައި ބައްދަލުކުރާނީ ފްރާންސްގެ މާސޭ އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްއެވެ.