ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ (ޝޯރޓް ކޯސް) 200 މީޓަރ ފްރީސްޓައިލް ފެތުމުގެ އިވެންޓުގެ ގައުމީ ރެކޯޑް މުބާލް އައްޒާމް އިބްރާޙީމް އައުކޮށްފިއެވެ.

13 ވަނަ ސާފް ގޭމްސް ގައި މުބާލް މި ރެކޯޑް އައުކޮށްފައިވަނީ މި އިވެންޓުގެ ހީޓްގައި 02.05.04 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މުބާލް ވަނީ މި އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އޭނާ އެފަހަރު ރެކޯޑް އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 14 ވަނަ ފީނާ ވޯލްޑް ސްވިމިންގް ޗެމްޕިއަންޝިޕްސް ގައި 02.09.57 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ޓީމުގައި ހިމެނޭ އަންހެން ފެތުންތެރިންނަކީ އައިޝަތު ސައުޝަން އާއި އައިޝަތު ސާޖިނާ އަދި އައިޝަތު އުލްޔާ ޝާއިގްގެ އިތުރުން ހަމްނާ އަހުމަދު އެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ހަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން އަދި ހުސައިން މުބާހު އެވެ.

ގައުމީ ޓީމަށް ފެތުންތެރިން ހޮވާފައިވަނީ އެކަމަށް ބޭއްވުނު ހާއްސަ ޓްރަޔަލްތަކަށާއި ފެތުންތެރިން ވާދަކުރަން ހުރި ރިލޭތަކަށް ބެލުމަށްފަހު އެވެ.