ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓުގެ ފައިނަލުގައި މިއަދު ރާއްޖޭގެ ތިން ފެތުންތެރިޔަކު ވާދަކޮށް ގައުމީ ރެކޯޑް އާކޮށްފި އެވެ.

13 ވަނަ ސާފް ގޭމްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފެތުންތެރިން ގައުމީ ރެކޯޑުތައް އާކުރީ މިއަދު ހެނދުނު ކުރިއަށްދިޔަ އިވެންޓްތަކުގަ އެވެ. މީގެ ކުރިން އިއްޔެ ކުރިއަށްދިޔަ އިވެންޓެއްގައި ރާއްޖޭގެ މުބާލް އައްޒާމް އިބްރާހިމް ވަނީ 200މ ފްރީސްޓައިލް އިން ގައުމީ ރެކޯޑް އާކޮށްފައެވެ. މިއަދު ހެނދުނު ރެކޯޑު އާކުރި ފެތުންތެރިންނަކީ އައިޝަތު ސައުސަން، ހަމްނާ އަހުމަދު އަދި އައިޝަތު ސާޖިނާ އެވެ. މީގެ ތެރެއިން އަލީ އިމްއާން އާއި ސައުސަން ވަނީ ދެ އިވެންޓެއްގެ ފައިނަލުގައި ވާދަކޮށްފަ އެވެ.

ސައުސަން، ރެކޯޑް އާ ކޮށްފައިވަނީ 200 މީޓަރު ބެކްސްޓްރޯކްގެ ދެވަނަ ހީޓްގައި 02.52 މިނެޓުން އިވެންޓް ފުރިހަމަކޮށްގެންނެވެ. ސައުސަން ފައިނަލުގެ ފުރުސަތު ހޯދީ އެ އިވެންޓުގެ އެވެ. ސައުސަން އެ ރެކޯޑް އާ ކޮށްފައިވަނީ މި އިވެންޓުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ހަމްނާ ހަމަ އެ ރެކޯޑް އާ ކުރިތާ މާގިނައިރެއްނުވެ އެވެ. ފުރަތަމަ ހީޓުގައި ހަމްނާ 200 މީޓަރު ބެކްސްޓްރޯކް އިވެންޓު ފުރިހަމަކުރީ 02.54 މިނެޓުންނެވެ.

ގޭމްސްގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން އިމްއާން ފައިނަލަށް ދިޔައީ 02.25 މިނެޓުން އިވެންޓް ފުރިހަމަކޮށްގެންނެވެ. އޭނާ ގައުމީ ރެކޯޑް އާ ކުރީ ފައިނަލުގައި 02.24.26 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ސާޖިނާ، ރެކޯޑް އާ ކުރީ އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގަ އެވެ. ސާޖިނާ މި ރެކޯޑް އާ ކުރީ 01.23 މިނެޓުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ޓީމުގައި ހިމެނޭ އަންހެން ފެތުންތެރިންނަކީ އައިޝަތު ސައުޝަން އާއި އައިޝަތު ސާޖިނާ އަދި އައިޝަތު އުލްޔާ ޝާއިގްގެ އިތުރުން ހަމްނާ އަހުމަދު އެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ހަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން އަދި ހުސައިން މުބާހު އެވެ.

ގައުމީ ޓީމަށް ފެތުންތެރިން ހޮވާފައިވަނީ އެކަމަށް ބޭއްވުނު ހާއްސަ ޓްރަޔަލްތަކަށާއި ފެތުންތެރިން ވާދަކުރަން ހުރި ރިލޭތަކަށް ބެލުމަށްފަހު އެވެ.