ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަކާއެކު އުދިނޭޒީ ބަލިކޮށް ޔުވެންޓަސް އިން ސެރިއާ އޭ ތާވަލުގެ އެންމެ ކުރީގައި އޮތް އިންޓަ މިލާނާއި އަރައި ހަމަކޮށްފި އެވެ.

އުދިނޭޒީ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން ރޭ އިންޓަ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުކުރީ އިންޓަ އާއި ފިއޮރެންޓީނާ ވާދަކުރި މެޗު އެއްވަރުވެގެން ނިމުމުންނެވެ. ފިއޮރެންޓީނާ އަތުން މޮޅުވެގެން ފިނިމޫސުމުގެ ޗުއްޓީ އަށް ލީގް މެދުކަނޑާލުމުގެ ކުރިން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އިންޓަ އަށް އޮތެވެ. އެކަމަކު އެއްވަރުވުމާ އެކު އިންޓަ މި ވަގުތު އެއް ވަނައިގައި އޮތީ ޔުވެންޓަސްއާ އެއްވަރަށް 39 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުންނެވެ.

ތާވަލުގެ ތިން ވަނައިގައި 33 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ލާޒިއޯ އެވެ. އެ ޓީމު މިރޭ ނުކުންނާނީ ކަލިއާރީއާ ދެކޮޅަށެވެ. 31 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ރޯމާ އަށެވެ. ރޯމާ ވަނީ ރޭ ސްޕާލް އަތުން 3-1 އިން މޮޅުވެފަ އެވެ.

ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި އުދިނޭޒީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެޓީމުން ޖެހި އަނެއް ލަނޑު ޖެހީ ލިއޮނާޑޫ ބޮނޫޗީ އެވެ. އުދިނޭޒީ އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖެހީ އިގްނާސިއޯ ޕުސެއްޓޯ އެވެ.

ރޮނާލްޑޯ ރޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު އޭނާ މި ސީޒަންގައި ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރައިފައެވެ. މިއާއެކު ޔޫރަޕްގެ ގަދަ ފަސް ލީގުގައި ވޭތުވެދިޔަ 15 އަހަރު ތެރެއިން ކޮންމެ ސީޒަނެއްގަައި މަދު ވެގެން 10 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ރޮނާލްޑޯ އަށް ވަނީ ލިބިފަ އެވެ.

އިންޓަ އާއި ފިއޮރެންޓީނާ ކުޅުނު މެޗުގެ އަށް ވަނަ މިނެޓުގައި ބޯޔާ ވަލޭރޯ ވަނީ އިންޓަ އަށް ކުރި ހޯދައިދީފަ އެވެ. ފިއޮރެންޓީނާ އަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ޑުއާން ލަހޮވީ އެވެ.