ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް މޮޅުވެއްޖެ އެވެ.

51 ވަނަ ގައުމީ ވޮލީ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އަލްމާ ސްޕޯޓްސް ކްލަބާއި ވާދަކޮށް ވެމްކޯ މޮޅުވީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. އަދި ރޭ ލޮރެންޒޯގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ޕޮލިހުން ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި އަލްމާގެ މައްޗަށް ވެމްކޯ އިން ކުރިހޯދިއިރު ސެޓުތައް އެޓީމުން ކާމިޔާބުކުރީ 25-16، 25-16 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތައިލެންޑުގެ ސިދްޑަޓާ އެވެ. ޕޮލިހާއި ލޮރެންޒޯ ވާދަކުރި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-12، 25-16 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕްރަތީބާއެވެ.

ޕޮލިސް ކްލަބާއި ވެމްކޯ ވަނީ އެޓީމުތަކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ލީގު ބުރެކެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި، އަލްމާ ސްޕޯޓްސް ކްލަބާއި، ކްލަބު ވެމްކޯ އަދި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ފުރަތަމަ ސެމީގައި ވެސް ވާދަކުރަން ޖެހޭ ދެ ޓީމު ކަމަށްވާ ވެމްކޯ އާއި ޕޮލިހެވެ. މިރޭގެ މެޗުން ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމް ކަށަވަރު ވެގެންދާނެ އެވެ.