ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުން މޮޅުވެ ގުޑީސް ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗާއެކު ގުޑީސް ވަނީ މުބާރާތުގައި އެޓީމު ކުޅުނު ހަތަރު މެޗުގެ ތެެރެއިން ތިން މެޗު ކާމިޔާބުކޮށްފަ އެވެ. ލީގް ބުރުގެ އެއް ވަނައިގައި ގުޑީސް އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ދިވެހި ސިފައިންގެ ކްލަބް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ޕޮލިސް ކްލަބެވެ. ހަތަރު ވަނައިގައި އޮތް ސްޕޯޓްސް ކްލަބް ސިޓީ އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސްޕޯޓްސް ކްލަބް ހޯކްސް ތިން މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ގުޑީސް ވަނީ ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. ގުޑީސް އިން ސެޓުތައް ގެންދިޔައީ 31-29، 25-19 އަދި 25-10 އިންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ގުޑީސްގެ ކެޕްޓަން ހުސެއިން ވިޝާމް އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ސިފައިން ބައްދަލުކުރާނީ ސިޓީއާ އެވެ. އަދި މިރޭ ކުޅޭ މެޗުގައި ޕޮލިހުން ނުކުންނާނީ ހޯކްސްއާ ދެކޮޅަށެވެ.