ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ކްލަބް އީގަލްސް އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ 3-0 އިންނެވެ. މި މޮޅާއެކު އީގަލްސް ވަނީ ލީގް ތާވަލުގެ ދެ ވަނައިގައި އެޓީމުން ދަމަހައްޓަމުން އައި ލީޑު ފުޅާކޮށްފަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓް ހަމަކޮށްގެން މާޒިޔާ އެވެ. އީގަލްސް އަށް ދެ ވަނަ ލިބެނީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 21 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު ހަ ވަނައިގައި އޮތީ 20 ޕޮއިންޓް ހޯދައިގެން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.

އެފްއޭއެމުން ގެނައި ބަދަލާއެކު ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރާނީ ގަދަ 6 ޓީމެވެ. ދެ ވަނަ ބުރު ނިމުނުއިރު 16 ޕޮއިންޓާއެކު ހަތް ވަނަ ލިބުނު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި 14 ޕޮއިންޓާއެކު އަށް ވަނަ ލިބުނު ފ. ނިލަންދޫ ސްޕޯޓްސް ކްލަބަށް މިހާރު ވަނީ ލީގު ނިމިފަ އެވެ.

އީގަލްސް އިން ވަނީ ޓީސީ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން އެޓީމާ ގުޅުނު ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ހިމަނައިފަ އެވެ. އަނެއްކޮޅުން ޓީސީގެ ފުރަތަމަ އެގާރައިގައި އެޓީމާ އަލުން ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހިމަނައިފަ އެވެ.

މި މެޗުގައި އީގަލްސް އިން ލީޑު ނެގީ 16 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ލަނޑުންނެވެ. ސެންޓޭ ހުސްކޮށްލާފައި ދިން ބޯޅަ ރިޒޭ ވަނީ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލާފަ އެވެ.

ޓީސީ އަށް މައްސަލަތައް ކުރިމަތިވީ އޭގެ ތިން މިނެޓު ފަހުން ސާދު ނިޒާރު އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފްރީ ސާދު އަށް ރަތެއް ދެއްކީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ފައުލް ކުރުމުންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ސެންޓޭ ޖެހި ލަނޑަކުން ލީޑު ފުޅާކޮށްފަ އެވެ. ރިޒޭ ދިން ބޯޅަ ސެންޓޭ ފޮނުވާލުމުން ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން ނަތީޖާ އަނބުރާލަން ޓީސީން ވަނީ ކުރިއަށް ޖެހިލައިގެން ލަނޑެއް ޖެހޭތޯ މަސަތްކަތްކޮށްފަ އެވެ.

އެގޮތުން ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން ކައުންޓަ އެޓޭކެއްގައި ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ރެފްރީ ވަނީ އީގަލްސްގެ ޓޮޝީކީ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ރިޒޭ ދިން ބޯޅައަކުން ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ނަޒީމް (ޗޯޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ރިޒޭ އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫ އެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނެ އެވެ.