ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީގެ އިރުޝާދުގެ ދަށުން ޖޭޖޭ ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕު އެކެއްގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުން ޖޭޖޭ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސިފައިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ސިފައިންގެ ޓީމަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް ފާރިޝްއެވެ. ޖޭޖޭ އިން ނަތީޖާ ހަމަހަމަ ކުރީ 20 ވަނަ މިނެޓުގަ އެވެ. ސިފައިންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖެހީ އަލީ ހާފިޒެވެ. އޭގެ އިރުކޮޅެއް ފަހުން ލީޑު ނަގަން ޖޭޖޭ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް މިގްދާދު ސައީދު ފޮނުވާލި ބޯޅަ އަމާޒުވީ ސިފައިންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޖޭޖޭ އިން ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓުގައި ހުސައިން ސިމާޒް (ކޮކީ) ޖެހި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު 2-1ގެ ނަތީޖާ އަކުން ޖޭޖޭ ކުރީގައި އޮވެގެން ނިމުނު އިރު އެ ޓީމުން ޖެހި ތިން ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒެވެ.

ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕު އެކެއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕު ދޭއްގައި ހިމެނެނީ ކްލަބު ޕީކޭ އާއި ކްލަބް ވެލެންސިއާ އާއި ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސްއެވެ.

މި އަހަރުގެ މުބާރާތުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމު ބައިވެރިކުރަން ނިންމީ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ނުވަ ޓީމުން ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭ އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

ދެވަނަ ޑިވިޝަނުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ސުޕާ ޔުނައިޓެޑްސްޕޯޓްސްއެވެ.