އިނގިރޭސި ލީގުގެ އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިއަކަށް ދޭ ރަން ބޫޓަށް ވުރެ ބޮޑަށް ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކަމަށް ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހު ބުނެފިއެވެ.

އިނގިރޭސި ލީގުގެ ރަން ބޫޓަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރަނީ ސަލާހު އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. އެގޮތުން ލަނޑު ލިސްޓުގެ ކުރީގައި މިވަގުތު 30 ގޯލާއެކު އޮތީ ސަލާހުއެވެ. ދެވަނައިގައި ކޭން އޮތީ 25 ގޯލާ އެކުއެވެ.

ރަން ބޫޓުގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް މި ސީޒަނުގައި ސަލާހު އަށް އެބައޮތެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް މިވަގުތު އޮތީ ސެމީފައިނަލާ ހިސާބުގައެވެ. ސެމީގައި އެޓީމު ބައްދަލުކުރާނީ އިޓަލީގެ ރޯމާއެވެ.

ދެ ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު ސަލާހު އަށް ލިބިފައިވާއިރު އޭނާ ބުނީ ބޮޑަށް ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށެވެ.

"ޗެމްޕިއަންސް ލީގާއި ރަން ބޫޓުގެ ތެރެއިން އަހަރެން އިހުތިޔާރު ކުރާނީ ޗެމްޕިއަންސް ލީގު. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެގެންދާނީ ހުރިހާ އެންމެންނަށް ވެސް ވަރަށް ބޮޑު ކަމަކަށް. އިތުރު ކަމަކާ މެދު އަހަރެން ނުވެސް ވިސްނަން" ސަލާހު ބުންޏެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ސަލާހު ދައްކަމުން އަންނައިރު އޭނާ ވަނީ ލިވަޕޫލް އަށް މިހާތަނަށް ކުޅެދިން 45 މެޗުގައި 40 ގޯލު ކާމިޔާބުކޮށްފައެވެ.

ސަލާހު ދައްކަމުންދާ މޮޅު ކުޅުމާ އެކު އޭނާ ވަނީ އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.

މި އެވޯޑަށް ދެން ވާދަކުރަނީ މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ، ކެވިން ޑެ ބްރައިނާ އާއި ޑޭވިޑް ސިލްވާ އާއި ލީރޯއި ސާނޭ އާއި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާއެވެ.

މި އެވޯޑުތަށް ލިބޭ ކުޅުންތެރިން އިއުލާންކުރާނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާޙް

    އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިނާމު "ހެރީ ކޭން" އަށް ދޭނީ ... ޔަގީން .. އިނގިރޭސިން ވަރަށް ފީކަޅާ ވާނެ ...