މިސްރުގެ ކްލަބަކުން 75 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ސޮއި ހޯދައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމުގެ މަސަތްކަތް ފަށައިފިއެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް މަސަތްކަތް ކުރަނީ މިސްރުގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ''6 އޮކްޓޫބަރު'' ނަމަކަށް ކިޔާ ކްލަބަކުންނެވެ. އެ ކްލަބުން ވަނީ އެޒް އެލް ދިން ބަހާދުރްގެ ސޮއި ހޯދައިފައެވެ. ބަހާދުރް އެ ކްލަބާއެކު ރަސްމީ މެޗެއްގައި ކުޅެފިނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ ދުވަސްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއާ އަށެވެ.

މިވަގުތު މި ރެކޯޑު އޮތީ އިޒްރޭލުގެ އައިސެކް ހަޔީކް އަތުގައެވެ.

މިދިޔަ އަހަރު އިޒްރޭލުގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަޔަނީ އޯ ޔެހުދާ އަށް އައިސެކް ކުޅުނު އިރު އޭނާގެ އުމުރަކީ 73 އަހަރެވެ.

" މިއަދު މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވާނީ ދުނިޔޭގެ އެންމެ ދުވަސްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއާ ރެޖިސްޓްރީ ކޮށްފައި. މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު އެ އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ނެރުނު ޕޯސްޓެއްގައި ބުނެފައިވެއެވެ.

ބަހާދުރްގެ ކޮންޓްރެކްޓާ ބެހޭ މާ ބޮޑު ތަފްސީލެއް އެ ކްލަބުގެ އިތުރުން މިސްރުގެ ފުޓްބޯޅަ އިދާރާ އިން ވެސް މިހާތަނަށް ހާމަކޮށްފައި ނެތެވެ.

ބަހާދުރް ގިނިސް ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ތައްޔާރު ވަމުން އަންނަ އިރު ދުވަސްވީ ކުޅުންތެރިންގެ ތެރެއިން ޕްރޮފެޝަނަލްކޮށް އަދިވެސް ކުޅެމުން އަންނަ އެންމެ ދުވަސްވީ ކުޅުންތެރިއަކީ އުމުރުން 53 އަހަރުގެ ޖަޕާން ފޯވަޑް ކަޒުޔޯޝީ މިއުރާއެވެ. މިއުރާ ވަނީ އޭނާ ކުޅެމުން އަންނަ ޖޭ ލީގުގެ ޔޮކޮހޯމާ އެފްސީ އާއެކު ދާދި ފަހުން އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން މިއުރާ އެއްބަސްވުން އާކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.