ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ކޮކާ ކޯލާ އަދި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން " ލެޖެންޑްސް ކަޕް"ގެ ނަމުގައި ހާއްސަ ފުޓްބޯޅަ މެޗެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމް ކޮކާ ކޯލާ އާއި ޓީމް ކޯކް ޒީރޯ އެވެ. މި މެޗު ކާމިޔާބުކުރީ ޓީމް ކޮކާ ކޯލާ އިންނެވެ. މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމް ކޮކާ ކޯލާގެ ކެޕްޓަން ބޭންޑް އެޅީ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އެވެ. މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމް ކޯކް ޒީރޯގެ ކެޕްޓަން ބޭންޑް އެޅީ ކުުރީގެ މަޝްހޫރު ކުޅުންތެރިއާ އިސްމާއިލް އަނިލް އެވެ.

ދިވެހި ފުޓުބޯޅައިގެ ލެޖެންޑުން ހިމަނައިގެން ކުޅުނު މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވުމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކޮކާ ކޯލާގެ ޖެނެރަލް މެނޭޖަރު މިލިން ދެރްސާރީ އާއި މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސް މުހައްމަދު މަނިކުގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

" މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެންގެ ފުޓްބޯޅައިގައި މިއަދުގެ މިދެކޭ މުސްތަގްބަލް ދައްކައިދިން ކުޅުންތެރިންނާއެކު ދިވެހި ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދާތަން މި ފެނިގެންދަނީ. މިއަދުގެ މެޗުގައި އަހަރެމެންނަށް ފެނިގެންދާނެ އެކި ފެންވަރުގައި ގައުމީ ދަނޑުގައި ޕަފޯމްކޮށްފައިތިބި އަދި މިހާރު ތިބި ކުދިންތަކަށް ނަމޫނާ ދެއްކި ލެޖެންޑުންތަކެއް. މި ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްބޯޅަ މި ހިސާބަށް ގެނެސްދިނުމުގެ ފަހަތުގައިވާ މޭސްތިރިން. " ޖަވާޒް ވިދާޅުވިއެވެ.

ޖަވާ ވަނީ މިއަދުގެ މެޗު އިންތިޒާމްކޮށް ރޭވުމުގައި ހަރަކާތްތެރިވި މޯލްޑިވްސް ސޮކާ މޭޓްސް އާއި ކޮކާ ކޯލާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ދިވެހި ފުޓުބޯޅައިގެ ލެޖެންޑުން ހިމަނައިގެން ކުޅުނު މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ލެޖެންޑުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާރު ވެސް އެކުވެރިކަމުގެ މެޗުތައް މަދުން ނަމަވެސް ކުޅެ އެވެ. އެގޮތުން ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެ ރޯދަ މަހަކާ ދިމާކޮށް މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކޮށްގެން ވެޓަރެންސް ފުޓްބޯޅަ މުބާރާތެއް ކުރިއަށްގެންދެއެވެ. މި މުބާރާތުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ކުޅެ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތަކާއެކު މިއަދު ހަވީރު ކުރިއަށްދިޔަ ހަރަކާތުގައި ވަނީ ޔޫރޯ 2020ގެ އޮފިޝަލް މެސްކޮޓް ކަމަށްވާ "ސްކިލްޒީ"ގެ އިތުރުން އޮފިޝަލް މެޗް ބޯޅަ " އެޑިޑާސް ޔުނިފޯރިއާ" ދައްކާލައިފައެވެ.

ދިވެހި ފުޓުބޯޅައިގެ ލެޖެންޑުން ހިމަނައިގެން ކުޅުނު މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މީގެ އިތުރުން މިއަދު ކޮކާ ކޯލާ އިން ވަނީ ކޯކު ފުޅިއެއް ބައްލަވައިގަނެގެން ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތެއް ވެސް ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ދިހަ މީހަކަށް އެ މީހުން ބޭނުންވާ އިތުރު އެކަކު ގޮވައިގެން އަޔަލޭންޑުގެ ޑަބްލިންގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ 44 ވަނަ މެޗު އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރުމަކާއި ނުލައި ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިންޓިސްތު

    އެއްފަހަރަކު ބޭރުގަ އޮއް މުބާރާތަކުން ރާއްޖޭ ގަޢުމީ ޓީމަށް 3 ވަނަ ލިބިގެން އަހުންހުރީ ވަރަށް އުފަލުން... ރައްޓެއްސަކާ ދިމާވީމަ އެންގުނީ 3 ޓީމްކަން ބައިވެރިވީ.....

  2. ީހޯހޯ

    ތި ހެން ކިތަންމެ ވަރަކަށް ލެޖެންޑުންގެ މެޗުތައް ކުޅުނެއްކަމަކު ދިވެ ހި ފުޓުބޯޅަ ކުރި އެއް ނާރާނެ