ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ޕޮލެންޑުގެ މާޓިން ކުޕްމަން ހަމަޖައްސައިފި އެވެ.

މާޓިން ކުޕްމަން ގައުމީ ޓީމާ ހަވާލުވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މި މަގާމާއި ހަވާލުވީ ސީނިއާ ޓީމުގެ ކޯޗުގެ މަގާމް ހުސްކޮށް ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ކުޕްމަން އަށް ވުރެ ކުރިން ގައުމީ ޓީމަށް އިރުޝާދު ދިނީ ކްރޮއޭޝިއާގެ ޕީޓާ ސެގާޓެވެ. 2018 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗު ކަމަށް ގެނައި ސެގާޓާއެކު ރާއްޖެއިން އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އެވެ. ނަމަވެސް އޭގެ ފަހުން ސެގާޓަށް ގައުމީ ޓީމާއެކު މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ދިވެހި ސަޕޯޓަރުންގެ ފާޑުކިއުންތައް އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެގެން ގޮސް އެންމެ ފަހުން އެފްއޭއެމް އިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފައެވެ.

ގައުމީ ޓީމުގެ އާ ކޯޗު މާޓިން ކުޕްމޭނަކީ ކުރިން ނެދަލޭންޑްސްގެ އެކި އެކި ޑިވިޝަންތަކުގެ ކްލަބުތަކަށް ކުޅުނު ކުޅުންތެރިއެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުނު ކްލަބްތަކުގެ ތެރޭގައި ގޯ އަހެޑް އީގަލްސް އާއި އެފްސީ ޓްވެންޓީގެ އިތުރުން ކެމްބާލީ ވާޑެން ހިމެނެ އެވެ. އޭގެ ފަހުން މެނެޖީރިއަލް ކެރިއަރު އޭނާ ފެށީ 1989 ވަނަ އަހަރު ކެމްބާގެ ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. ދެ އަހަރު ދުވަހު ޔޫތު ޓީމަށް އިރުޝާދު ދިނުމަށްފަހު އޭނާ އެ ކްލަބުގެ ސީނިއާ ޓީމުގެ އެސިސްޓަންޓަކަށް ބަދަލުވެ އެ މަގާމުގައި ތިން އަހަރު ހޭދަކުރި އެވެ.

ކެމްބާ ދޫކޮށްލުމަށްފަހު ކުޕްމަން ވަނީ ޖެހިގެން އައި ހަތަރު އަހަރު ހޮލަންޑުގެ ދެ ކްލަބު ކަމަށްވާ ގޯ އަހެޑް އީގަލްސް އާއި އެފްސީ އެފްސީ ގްރޮނިންގެންގައި އެސިސްޓެންޓެއްގެ ގޮތުގައި މަސަތްކަތް ކޮށްފައެވެ. 2002 ވަނަ އަހަރާއި ޖެހެންދެން ކުޕްމަން މަސަތްކަތް ކުރަމުންދިޔައީ ކްލަބު ލެވެލްގައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ހޮލަންޑުގެ އެފްސީ ޑެން ބޮޝް އާއި ކޮންގޯގެ އޭއެސް ވައިޓާ އަށް އިރުޝާދު ދީފައެވެ.

ކުޕްމަން ގައުމީ ފެންވަރުގައި އެންމެ ފުރަތަމަ ހަވާލުވީ ސައުދީ އަރަބިއާގެ ކޯޗުކަމާއެވެ. ސައުދީ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި 2002 އިން 2004 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަސަތްކަތް ކުރިއެވެ. އޭގެ ފަހުން އޭނާ ވަނީ ސައުދީގެ އަލް ނަސްރުގެ އިތުރުން ޗައިނީސް ސުޕަ ލީގުގެ ގުއަންގްޒޫގައި ވެސް މަސަތްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބްރޭކިން އޭބުނީމަ މަހީކުރީ ސްޕެއިން އަށް ވޯލްޑްކަޕް ހޯދައިދިން ކަހަލަ ކޯޗެއްކަމަށް. ލޮލް.

  2. ޙާސަރު

    ކޮންމެވެސް ބޭފުޅަކު އޭނަކާރީ ބުނެދީ ނާންނާށޭ
    މީފާދެއްގެ ތަނެއް

  3. ކުޅުންތެރިޔާ

    މޮޅެތި ކޯޗުން ނުގެނެސް ސްޒައިންމެން ލައިގެން މިކަން ނުވާނެބާ

  4. ބާރީ

    އަހަރެމެން ރަށު ގައުބެ ލިޔަސް ތިޔަ ފަރަންޖީސޮރަށް ވުރެ ރަގަޅުވާނެ. އޭނާއަކީ ސީދާ މިލްޓަރީ ޓްރޭނިނގް ޖައްސާ ކޯޗެއް.....