ނަޕޯލީ އަތުން ބަލިވެ އިޓާލިއަން ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފިއެވެ.

ސެރިއާއޭގައި ރޭ ރަށުން ބޭރުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅެ ޔުވެންޓަސް ބަލިވީ 2-1 އިންނެވެ. ނަޕޯލީގެ ސަން ޕައޮލޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނަޕޯލީގެ ލެފްޓް ބެކް މާރިއޯ ރޫއީ އަށެވެ. ޔުވެންޓަސްގެ އޭރިއާ ބޭރުން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި ނަޕޯލީގެ ގޯލާ އަމާޒުކޮށް ޔުވެންޓަސް އަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.

ނަޕޯލީން ލީޑު ނެގީ 63 ވަނަ މިނެޓުގައި މިޑްފީލްޑަރު ޒިއެލިންސްކީ ޖެހި ލަނޑުންނެވެ. އޭރިއާ ބޭރުން ލޮރެންޒޯ އިންސިގްނޭ ފޮނުވާލި ހަމަލާ ކީޕަރު ޝެޒްނީ މަތަކުރި ނަމަވެސް ރީބައުންޑުގައި ޒިއެލިންސްކީ ވަނީ ބޯޅަ ގޯލު ތެރެއަށް ވައްދާލާފައެވެ. ނަޕޯލީން ލީޑު ނެގުމުގެ ކުރިން ލަނޑު ޖަހަން ޔުވެންޓަސް އަށް ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނަޕޯލީގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އެ ލަނޑު ބާތިލް ކުރީ އެޓީމުގެ ގޮންޒާލޯ ހިގުއިން ހުރީ އޮފްސައިޑުގައި ކަމަށް ބުނެ އެވެ. އޭގެ ފަހުން 62 ވަނަ މިނެޓުގައި ޔުވެންޓަސް އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި ނަޕޯލީގެ ޑިފެންޑަރު އެލްސައިދު ކައިރިން ނައްޓާލުމަށްފަހު ހިގުއިން ތިރިތިރިން ފޮނުވާލި ބޯޅަ ކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ.

ޔުވެންޓަސް އަށް މެޗުގެ ނަތީޖާ އަނބުރާ ނުލެވި އުޅެނިކޮށް 86 ވަނަ މިނެޓުގައި ހޯސޭ ކަހޭޖޮން ނަގައިދިން ހުރަހެއްގައި އިންސިގްނޭ ވަނީ ލަނޑެއް ޖަހައި ހޯމް ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހު މިނެޓުގައި ޔުވެންޓަސް އަށް ސުން ކަނޑުވައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި ރޮނާލްޑޯ ސެރިއާގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

މި މެޗުން ބަލިވި ނަމަވެސް އަދިވެސް އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. އެޓީމަށް ވަނީ 21 މެޗުން 51 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 21 މެޗުން 48 ޕޮއިންޓެވެ. 20 މެޗުން 46 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި ލާޒިއޯ އޮތްއިރު ހަތަރު ވަނައިގައި 39 ޕޮއިންޓާއެކު އޮތީ ރޯމާ އެވެ.