އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވި މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ކެޓެގަރީގެ ޗެމްޕިއަންކަން އެމެރިކާގެ ސޮފިއާ ކެނިން ހޯދައިފިއެވެ.

މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު އަންހެން ބައިގެ ފައިނަލް މެޗުގައި ސްޕެއިންގެ ގާބައިން މުގުރޫޒާ އާ ވާދަކޮށް 21 އަހަރުގެ ސޮފިއާ މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. ދެވަނަ ހޯދި މުގުރޫޒާ އަކީ މީގެ ކުރިން ދެ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ރޮލަންޑް ގެރޮސްގެ އިތުރުން 2017 ވަނަ އަހަރުގެ ވިމްބަލްޑަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

އިއްޔެ ކުޅުނު އޮސްޓްރޭލިއަން އޯޕަން ފައިނަލް މެޗުގެ ފުރަތަމަ ސެޓު 6-4 އިން ގެންދިޔައީ މުގުރޫޒާ އެވެ. ނަމަވެސް ސޮފިއާ ވަނީ ޖެހިގެން އައި ދެ ސެޓު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 6-2 އަދި 6-2 އިންނެވެ.

މިއީ އޭޓީޕީ ރޭންކިންގެ 14 ވަނައިގައި އިން ސޯފިއާ މިހާތަނަށް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. މީގެ އިތުރުން މި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ 2008 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ރަޝިޔާގެ މާރިއާ ޝަރަޕޯވާގެ ފަހުން މި މުބާރާތުގެ އަންހެން ސިންގަލްސް ތަށި ހޯދި އެންމެ ހަގު ކުޅުންތެރިއާ އަށެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލް މެޗު ކުޅޭނީ މިއަދު މެންދުރުފަހުއެވެ. ފައިނަލްގައި ބައްދަލުކުރާނީ މިހާތަނަށް އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއެވެ. މުޅިއަކު 16 ގްރޭންޑް ސްލޭމް ތަށި ހޯދައިފައިވާ ޖޮކޮވިޗް ފައިނަލުން ޖާގަ ހޯދީ ސެމީގައި ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ ބަލިކުރުމަށްފަހު އެވެ. އަނެއްކޮޅުން ތިއެމް ފައިނަލަށް ދަތުރު ކުރީ ސެމީގައި ޖަރުމަނުގެ އެލެގްޒަންޑާ ޒްވެރެވްގެ މައްޗަށް ކުރި ހޯދައިގެންނެވެ.