ޖަރުމަނުގެ އެލެގްޒަންޑާ ޒްވެރެވް ބަލިކޮށް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ދަތުރުކޮށްފިއެވެ.

އޭޓީޕީ ރޭންކިންގްސްގެ ފަސްވަނަ އަށް ރޭންކް ކުރެވިފައިވާ ތިއެމް ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ދުނިޔޭގެ ހަތް ވަނަ އަށް ރޭންކް ކުރެވިފައިވާ ޒްވެރެވްގެ މައްޗަށް 3-1 ސެޓުން މޮޅުވެގެންނެވެ.

މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ކާމިޔާބުކުރީ ޒްވެރެވް އެވެ. ދެވަނަ ސެޓުގެ ކުރީކޮޅު ދެ ކުޅުންތެރިންގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ތިއެމް ވަނީ ފަހު ކޮޅުގައި ޒްވެރެވްގެ ސާވިސް ބްރެކް ކޮށް 6-4 އިން މި ސެޓު ގެންގޮސް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.

ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ސެޓުގައި ވެސް 6-6 އިން ދެ ކުޅުންތެރިން އެއްވަރު ވެގެން ނަތީޖާ ނެރެން ޖެހުނީ ޓައި ބްރެކް ކުޅެގެންނެވެ. ތިއެމް ތިންވަނަ ސެޓު ގެންދިޔައީ ޓައި ބްރެކްގައި 7-3 އިން ކުރިހޯދައިގެންނެވެ. އަދި ފަހު ސެޓުގެ ޓައި ބްރެކްގައި ތިއެމް ކުރިހޯދީ 7-4 އިންނެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ތިއެމް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މާދަމާ މެންދުރު ކުޅޭ ފައިނަލްގައި ތިއެމް ވާދަކުރާނީ ދުނިޔޭގެ ދެވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ އެވެ. ޖޮކޮވިޗަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންގެ އިތުރުން މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ. އޭނާ ވަނީ މިހާތަނަށް މުޅިއެކު ހަތްފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އާދިއްތަ ދުވަހުގެ ފައިނަލުގައި ޖޮކޮވިޗަށް ތިއެމްގެ މައްޗަށް ކުރިލިބިއްޖެނަމަ އޭނާ އަށް އަލުން އޭޓިޕީ ރޭންކިންގްސްގެ އެއްވަނަ ލިބޭނެ އެވެ. މިވަގުތު އެއްވަނަ މަގާމުގައި އޮތީ ސްޕެއިންގެ ރަފޭލް ނަޑާލް އެވެ.