ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ނުވާތީ، އެމެރިކާއަށް އެރުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗްއަށް މަނާ ކުރުމުން، އޭނާއަށް ޔޫއެސް އޯޕަންގައި ނުކުޅޭނެކަން އިއުލާންކޮށްފިއެވެ.

ޖޮކޮވިޗް ބުނީ، ޔޫއެސް އޯޕަންގައި ބައިވެރިވުމަށް ނިއު ޔޯކްއަށް ނުދެވޭކަން ހިތާމައާއެކު ހާމަކުރާ ކަމަށާއި، ނަމަވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ޔޫއެސް އޯޕަން ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗްއަށް ޔޫއެސް އޯޕަންގައި ކުޅެވޭނެކަމާ މެދު މީގެ ކުރިންވެސް ސުވާލު ވަނީ އުފެދިފައެވެ. އެއީ އޭނާ ވެކްސިން ފުރިހަމަ ނުކުރުމުން އެމެރިކާއަށް އެތެރެ ނުވެވޭނެތީއެވެ.

ޖޮކޮވިޗް ވެކްސިން ޖެހުމާ ދެކޮޅު ހަދާފައި ވަނީ އެއީ އެމީހަކު ބޭނުން ނަމަ ކުރަން ޖެހޭ ކަމެއްކަން ފާހަގަކޮށެވެ. އަދި ގަދަކަމުން އެކަން ނުކުރެވޭނެ ކަމަށް އޭނާ އަންނަނީ ވަކާލާތު ކުރަމުންނެވެ.

އުމުރުން 35 އަހަރުގެ ޖޮކޮވިޗް ވަނީ އޭނާގެ ކެރިޔަރުގައި މިހާތަނަށް 88 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި 21 ގްރޭންޑް ސްލޭމް ތަށި ހިމެނެއެވެ.